ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އަދަދު 10 އަށް އަރާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ އެވެ.
މީގެ އިތުރުން އެހާދިސާއާއި ގުޅިގެން މިހާތަނަށް 31 މީހަކު ވަގުތީ ހިޔާތަކަށް ގެންގޮސްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ވަނީ ވިދާޅުވެފައެވެ. އެއީ 13 ދިވެހީންނާއި 18 ބިދޭސީންނެވެ.
ރޭ ދަންވަރު 12:27 ހާއިރު މި ހާދިސާ ހިނގާފައިވަނީ މާލެ މާފަންނު ނިރުފެހި ގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގަ އެވެ.
ހާދިސާ ހިނގި ސަރަހައްދަށް ދިފާއީ ވަޒީރު މަރިޔާ ވަނީ ވަޑައިގެންފައި، ފޮޓޯ: ނަޒީމް/ތިލަދުން
މި ހާދިސާގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް އެ ހޮސްޕިޓަލާއި ހަވާލާދެއްވާ ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
މި ހާދިސާއާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވަނީ އަލިފާނުގެ ހާދިސާ ހިގައިގެން އުޅޭ ސަރަހައްދުގައި ހަރަކާތްތެރިވާ އެންމެހާ ބޭފުޅުން ދުމުން ރައްކާތެރި ވުމުގެ ގޮތުން މާސްކު އެޅުން އިލްތިމާސްކުރައްވާފައެވެ.
ސިފައިން އަދި ވެސް އެ އިމާރާތުގެ ތެރޭގައި ހަރަކާތްތެރިވަމުން އަންނައިރު، އެ ސަރަހައްދުގައި ފުލުހުންނާއި އަދި ދިވެހި ރެޑްކްރެސެންޓުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!