ބޮޑު ތިލަދުންމަތީގެ ދެ ރަށަކާއެކު 7 ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާން ކޮށްފި އެވެ.
އެގޮތުން ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާ ރަށްތަކަކީި ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ އާއި ކ. ތުލުސްދޫ އެވެ. އަދި އދ. މާމިގިލި، ވ. ފެލިދޫ އާއި ތ. ވިލުފުށީގައި ވެސް ހޮސްޕިޓަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާން ކުރައްވާފަ އެވެ.
ފިނޭންސް މިނިސްޓްރީން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ މި 7 ރަށުގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް ކުރިން ވެސް އިއުލާން ކުރެވުނު ކަމަށާއި ނަމަވެސް އެ ހޮސްޕިޓަލްތަކަށް ހުށަހެޅި ބީލަންތަކުގެ އަގު ބޮޑުވުމުގެ ސަބަބުން އަލުން ބީލަމަށްލުމަށް ނިންމެވީ ކަމަށެވެ.
ކުވެއިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) ގެ އެހީގައި މި ރަށްރަށުގައި އިމާރާތް ކުރަނީ 30 އެނދުގެ ޖާގައިގެ ހޮސްޕިޓަލްތަކެވެ.
މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ބައިނަލްއަގްވާމީ ވާދަވެރި ބިޑުކުރުމުގެ އުސޫލުގެ ތެރެއިން ނެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން 35،000 ޑޮލަރުގެ ބިޑް ސެކިއުރިޓީއެއް ބަހައްޓަން ޖެހެ އެވެ. މަޝްރޫއުގެ ބިޑު ހުޅުވުން އޮންނާނީ ޑިސެމްބަރު ހަތްވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!