ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބަދުގައި ކުރިއަށްދާ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެ އަންހެން ޑަބަލްސް އިން ރާއްޖޭގެ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާގެ އިތުރުން މިކްސް ޑަބަލްސް އިން ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
އަންހެން ޑަބަލްސް ބައިން ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ ފައިނަލުން ފުރުސަތު ހޯދީ ސެމީގައި ސެހެރާ އަކުރަމް އާއި ހުމާ ޖާވީދުގެ ޕެއާ އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ.
މާދަމާ ކުޅޭ ފައިނަލުގައި ނަބީހާ އާއި ނަބާހާގެ ޕެއާ ބައްދަލުކުރާނީ ސެމީގައި ރާއްޖޭގެ ނީލާ ނަޖީބާއި މައިސާ ފަތުހުﷲގެ ޕެއާ ބަލިކުރި ޕާކިސްތާނުގެ ޕެއާއެއް ކަމަށްވާ ބުޝްރާ ގައްޔޫމާއި މަހޫރު ޝަހުޒާދުގެ ޕެއާއާ އެވެ.
މިކްސް ޑަބަލްސް ބައިން ޒަޔާން އާއި ނަބާހާގެ ޕެއާ ސެމީގައި ވަނީ ޕާކިސްތާނުގެ އަބްދުއްރަހުމާނާއި ސައިމާގެ ޕެއާ ބަލިކޮށްފަ އެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ މޮޅުވީ 21-14، 21-13 އިންނެވެ. ފައިނަލުގައި ޒަޔާން އާއި ނަބާހާ ނުކުންނާނީ އެއް ވަނަ އަށް ސީޑްކޮށްފައިވާ ނޭޕާލުގެ ދިޕޭޝް އާއި އަމީތާގެ ޕެއާއާ ދެކޮޅަށެވެ.
އަންހެން ސިންގަލްސް ބައިން ރާއްޖޭގެ ނީލާ ސެމީއިން ފުރުސަތު ލިބުން ނަމަވެސް މިއަދު ކުޅުނު ސެމީ އިން ބަލިވެ މުބާރާތް ނިންމާލީ މި ބައިން ލޯ މެޑަލަކާ އެކު އެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ ސެމީގައި ބަލިވީ ދެ ވަނަ އަށް ސީޑްކޮށްފައިވާ ޕާކިސްތާނުގެ މަހޫރު ޝަހްޒާދު އަތުންނެވެ. އޭނާ ސެޓުތައް ގެންދިޔައީ 21-18، 21-11 އިންނެވެ.
ނަބާހާ އާއި ޒަޔާން ޒަކީގެ އަކީ ދާދި ފަހުން ނިމުނު ގައުމީ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަން ދެ ޕެއާ ވެސް މެއެވެ. މީގެ އިތުރުން ފަހަކަށް އައިސް ރާއްޖޭގެ ގައުމީ ބެޑްމިންޓަނުން އަންނަނީ ރާއްޖެއިން ބޭރުގައި ބާއްވާ މުބަރާތް ތަކުން ފުރިހަމަ ކާމިޔާބީއެއް ހޯދަމުންނެވެ.ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) މުބާރާތުގެ އަންހެން ސިންގަލްސް ބައިން ރަން މެޑަލް ނަބީހާ ހޯދިއިރު މިއީ ބައިނަލްއަގުވާމީ މުބާރާތަކުން ރާއްޖެ އަށް ބެޑްމިންޓަނުން ހޯދި ފުރަތަމަ ރަން މެޑަލްވެސް މެއެވެ.