ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ޕާކިސްތަނުގެ ސަފީރުގެ މަޤާމުގައި ހުންނަވައި، ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބަދަހި ކުރެއްވުމަށް އެމަނިކުފާނު ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، އެމަނިކުފާނަށް ތަޢުރީފު ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި އެ ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖެއާ ޕާކިސްތާނުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާ، ދެޤައުމުގެ ރައްޔިތުންގެ މެދުގައި ސިއްޙީ ދާއިރާއިންނާއި، ޢިޤްތިޞާދީ ދާއިރާއިން އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިވެގެން ދިޔަކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދާދި ފަހުން ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާ އާއި ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ. އަދި ޕާކިސްތާނުގެ ސަފީރު ވަނީ، ރައީސަށް އެ މަޢުލޫމާތު ހިއްޞާކުރައްވައި، ދިވެހި ސަރުކާރުން ފާޅުކުރެއްވި އިހްލާސްތެރި ޝުއޫރުތަކަށާއި ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.
ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ކުރިޔަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވެސް ރައީސް ސާލިހު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!