ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ހިމެނި ވަޑައިގަންނަވާހެން އެމިނިސްޓްރީގެ ވަފުދެއް ތިލަދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހދ. ނައިވާދޫ އަށް ވަޑައިގަތުމުން ހދ. އަތޮޅަށް ފަތުރުވެރިކަމުގެ ފޮނިމީރުކަން ނުލިބި، ދިގު އިންތިޒާރެއް ކުރަންޖެހިފައިވާތީ އެރަށުގެ ރައްޔިތުން ޝުއޫރުފާޅު ކޮށްފިއެވެ.

މިގޮތުން މިނިސްޓަރު ޑރ. މައުސޫމާއި ވަފްދު މިއަދު އެރަށަށް ވަޑައިގަތްއިރު އެރަށުގެ ގިނަ ޢަދަދެއްގެ ޒުވާނުން ހިމެނޭހެން ރައްޔިތުން ވަނީ މިނިސްޓަރާއި، ވަފުދަށް މަރުޙަބާ ކިޔުމަށް "ޓޫރިޒަމް ނެތް ހދ"ގެ ޝުއޫރުތައް ލިޔެފައިވާ ކަރުދާސްތައް ހިފައިގެން ނުކުމެފައެވެ.

Ad
rt

ޝުއޫރުފާޅު ކުރި ޒުވާނުންނާއެކު މިނިސްޓަރާއި ޓީމް ވެސް ވަނީ ޝުއޫރު ލިޔެފައިވާ ކަރުދާސްތައް ހިފަހައްޓައިގެން ތިބި ފޮޓޯ ނަގާފައެވެ. މިގޮތުން ނެގި ގްރޫޕް ފޮޓޯގައި މިނިސްޓަރާއި އެންމެ ގާތުން އިށީދެ އިން ކުރީގެ އެރަށުގެ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޒިޔާދު ހިފަހައްޓައިގެން އިން ކަރުދާހުގައި ''މިއީ ވޯޓަށްވީމަ ބޮޑުވާ ''ތިލަދުން މައްޗެއް''، އެހެން ނަހައްދަވާ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް ފަތުރުވެރިކަމުން ލިބޭ ނަފާ މިއަތޮޅަށް ލިބޭގޮތް ހަދައިދެއްވާ'' ލިޔެފައިވެއެވެ.

މި ގްރޫޕް ފޮޓޯއިން ފެންނަ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ނައިވާދޫ ތަމްސީލް ކުރަށްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުލްޤަފޫރު މޫސާ (ގަޕޯ) ވެސް އިންނެވީ ކަރުދާސް ގަނޑެއް ހިފަހައްޓައިގެންނެވެ. އެކަރުދާސް ގަނޑުގައި ''ހދ. ޑޮލަރުން ފުރިފާ'' ލިޔެފަ ވެއެވެ. ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ހިފަހައްޓައިގެން އިންނެވި ކަރުދާސް ގަނޑުގައި ''ޓޫރިޒަމް ނެތް ހދ. ގެ ގޮތުގައި ބައި ގަރުނު، މިތިބީ މާޔޫސްކަމުގައި’'' މިހެން ލިޔެފަ ވެއެވެ.

މި ވަފުދަށް މަރުޙަބާ ކިޔަން ނުކުމެ ތިބި ޒުވާނުން ހިފަހައްޓައިގެން ތިބި ކަރުދާސްތަކުގައި ހުރި އިތުރު ޝުއޫރުތަކަށް ބަލާއިރު، ''ހަވާލުކުރިތާ 12 އަހަރުފަހުން ހުޅުވި 56 ހެކްޓަރުގެ ހޮނޑާފުށިން ވަޒީފާގެ ފުރުސަތެއް ނެތް، އަތޮޅަށްވާ މޮޅެއް ނެތް''، ''28 ހާހަށްވުރެ ގިނަ މީހުންގެ މި އާދޭހަށް ފަރުވާ ލިބޭނީ ކޮން އިރަކުން''، ''ހޮނޑައިދޫ އޮކިއުޕެންސީ 90% ގައި''، ''ނަމުން ބައި ގަރުނު، ކަމުން ބާކީ''، ''ހދ. އަތޮޅަށް އަޅާނުލާ ސަބަބު ހާމަކުރޭ'' ފަދަ އިބާރާތްތައް ލިޔެފަ ވެއެވެ.

ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުން: އަންނަމަހާއި އަންނަ ހަފްތާ ނިމި ދެތިން ދުވަހުގެ އިންތިޒާރަކަށް!

މިނިސްޓަރު ޑރ. މައުސޫމާއި ވަފްދު އިއްޔެ ހދ. ނެއްލައިދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވެސް ވަނީ ތަފާތު ގޮތަކަށް ޝުއޫރުފާޅު ކޮށްފައެވެ.

އަންނަމަހު ހދ އަތޮޅުން ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިޢުލާން ކުރަނީ

ހދ. އަތޮޅުގައި މިވަގުތު އޮތީ އެންމެ ރިސޯޓެކެވެ. ހަވާލުކުރެވުނާ 12 ވަރަކަށް އަހަރުފަހުން 56 ހެކްޓަރުގެ ބިޔަ، ހދ. ހޮނޑާފުށީގައި ތަރައްގީކުރި ރިސޯޓް 18 މާރިޗް 2018ގައި ހުޅުވިނަމަވެސް، އެ ރިސޯޓަކީ މަދު ކޮޓަރިތަކަކާއެކު، އަތޮޅުގެ ރައްޔިތުންނަށް ހަނި ވަޒީފާގެ ފުރުސަތުތަކަކާއެކު ހުޅުވައި ހިންގަންފެށި ރިސޯޓެކެވެ. އެ ރިސޯޓާއިއެކު އަދި ހދ. ރައްޔިތުންގެ އުންމީދުތަކުގައި ކުލައެއް ނުޖެހެއެވެ. އެ އުންމީދަށް ދިރުން ލިބެން އޮތީ، އެ ރިސޯޓު ތަރައްގީކޮށް ފުރިހަމަވެ، ހދ. ރައްޔިތުންނަށް ފުރުސަތުތައް ހުޅުވާލެވިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާގެ އާއިލާގެ ވިޔަފާރި ކުންފުނި ތްރީއޭ އިން ތަރައްގީކުރި އެ ރިސޯޓް ހުޅުވީ 80 ކޮޓަރިއާ އެކު އެވެ. މާލެއިން އުތުރުގައި އޮތް އެންމެ ހިތްގައިމު އެއް ރަށުގެ ގޮތުގައި ފާހަގަކުރެވޭ ހޮނޑާފުށީގައި ޖުމްލަ 400 ކޮޓަރި ހަދާ ގޮތަށް ވަނީ ޕްލޭންކޮށްފައެވެ.

ހދ. ގެ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އަނެއް ރަށަކީ ނާގޯށީގައި ތަރައްގީ ކުރަން ހަވާލުކޮށްފައިވާ ރިސޯޓެވެ. ހޮނޑާފުއްޓާއެކުހެން 2007 ވަނަ އަހަރު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ދޫކުރިއެރަށް ފިނިހަކަ ދުވެލީގައި ފިރުކެމުންގޮސް 14 އަހަރުން ނިމިފައި ވަނީ 37 ޕަސެންންޓްގެ މަސައްކަތެެވެ. 600 އެނދުގެ އެ ރިސޯޓުގެ މަސައްކަތް ނުފެށި ފަހަތަށްދާ ކޮންމެ ދުވަހަކީ ހދ. ރައްޔިތުން މާޔޫސްވާ ދުވަހެކެވެ.

މިއަދު ނައިވާދޫ ރައްޔިތުން ޝުއޫރު ފާޅުކުރުމުގެ ތެރެއިން

ދިއްލެމުންދިޔަ އުންމީދުގެ ހުޅުކޮޅުން ތަންކޮޅުކޮޅު

''1 ހަފްތާ ތެރޭގައި ހދ އިން ޓޫރިޒަމަށް ދޫކުރާ ރަށްތައް އިއުލާންކުރާނެ: އަލީ ވަހީދު'' 17 ނޮވެމްބަރު 2019 (ތިލަދުން)

ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި ހދ އަތޮޅުން ޓޫރިޒަމަށް ދޫކުރާ ރަށްތައް އިޢުލާން ކުރެވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަނެއްކާވެސް ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވީ ރޭ ރާއްޖެ ޓީވީގެ ފަލަ ސުރުޙީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަލީ ވަހީދު ވިދާޅުވީ މިސަރުކާރު އައީ ރާއްޖޭގައި 35000 ޓޫރިސްޓް އެނދު ތަރައްޤީ ކުރުމުގެ ވައުދާއިއެކު ކަމަށާއި މިސަރުކާރުން އެންމެ ފުރަތަމަ ޓޫރިޒަމަށް ނެރޭނެ ރަށްތައް މިހާރު ކަނޑައެޅިފައި ވާކަމަށެވެ.

''ހއ އަތޮޅުން 4 ރަށް ހދ އަތޮޅުން 3 ރަށް ފަތުރުވެރިކަމަށް ދޫކުރަން ނިންމައިފި'' 17 ޑިސެމްބަރު 2019، (ތިލަދުން)

ހއ އަތޮޅުން 4 ރަށް ހދ އަތޮޅުން 3 ރަށް ފަތުރުވެރިކަމަށް ދޫކުރަން ނިންމައިފި އެވެ. މިރޭ ޓޫރިޒަމް މިނިސްޓްރީއިން ބޭއްވި "ބުރެބި" ހަފްލާގައި މިރަށްތައް އިޢުލާން ކުރެއްވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެވެ.

ހދ އަތޮޅުން ވަން އައިލެނޑް އަން ރިސޯޓް ކޮންސެޕްޓްގެ އަލަށް ނެރޭ ރަށްތަކުގެ ގޮތުގައި އިޢުލާން ކުރެއްވި ރަށްތަކުގެ ތެރޭގައި ހިމެނެނީ،

  • ހދ ހޮނޑައިދޫ (10.9 ހެކްޓަރު) 50 އެނދު - މިވަގުތު އޮތީ އެހެން މިނިސްޓްރީއެއްގެ ދަށުގައި ހަނިމާދޫ އިން 10 މިނެޓް
  • ހދ. ކުޑަފަރު ފަސްގަނޑު (ހެކްޓަރު) ހަނިމާދޫ އިން 30 މިނެޓް
  • ހދ ވައިކަރަ މުރައިދޫ (15 ހެކްޓަރު ޓޫރިޒަމް ޒޯންގޮތުގައި ކަނޑައެޅުން) 436 އެނދު - ދަނޑުވެރިކަން މިހާރުވެސް ކުރަމުންދާރަށެއް
  • ފަތުރުވެރިކަމަށް އަލަށް ދޫކުރާ ބިންތަކުގެ ތެރޭގައި، ހދ ނޮޅިވަރަންފަރު

މިއަދު ނައިވާދޫ ރައްޔިތުން ޝުއޫރު ފާޅުކުރުމުގެ ތެރެއިން

''ހއ، ހދ މެންބަރުންގެ ޝުކުރާއި ތަޢުރީފް ރައީސް އާއި ޓުރިޒަމް މިނިސްޓަރަށް''، 18 ޑިސެމްބަރު 2019 (ތިލަދުން)

ހއ އަތޮޅާއި ހދ އަތޮޅުގެ މަޖިލިސް މެންބަރުންގެ ޝުކުރާއި ތަޢުރީފް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށާއި ޓުރިޒަމް މިނިސްޓަރ އަލީ ވަހީދުއަށް ދަންނަވައިފިއެވެ. ހއ އަތޮޅުން 4 ރަށް ހދ އަތޮޅުން 3 ރަށް ފަތުރުވެރިކަމަށް ދޫކުރަން ނިންމައި ރޭ ޓޫރިޒަމް މިނިސްޓްރީއިން ބޭއްވި ”ބުރެބި“ ހަފްލާގައި މިރަށްތައް އިޢުލާން ކުރެއްވުމާއި ގުޅިގެން ބަޔެއް މެންބަރުން ވަނީ މިކަމާއި ގުޅިގެން ޝުޢޫރު ފާޅުކޮށްފައެވެ.

''އަންނަމަހު ހދ އަތޮޅުން ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިޢުލާން ކުރަނީ'' 28 ސެޕްޓެމްބަރު 2019 (ތިލަދުން)

އަންނަ މަހުގެ 3 ވަނަ ދުވަހު ހދ އަތޮޅުން ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިއުލާން ކުރަނާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މިހެން ވިދާޅުވީ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ޖޮބް ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

''މާލެ އޭރިއާއިން ދެން ރިސޯޓެއް ނުހަދާނެ، އިސްކަން ދޭނީ ހދ އަތޮޅު ފަދަ މާލެއާ ދުރު އަތޮޅުތަކަށް: އަލީ ވަހީދު'' 26 ފެބްރުއަރީ 2020 (ތިލަދުން)

''ސަރުކާރުގެ ޢަމާޒަކީވެސް މާލެ ޞަރަަޙައްދުން އިތުރަށް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ނުވަތަ ފަޅެއް ވިޔަސް ދޫނުކުރުން ކަމަށާއި ސަރުކާރު ޢަމާޒު ހިފާފައިވަނީ ރިސޯޓްތައް މަދު މާލެއާ ދުރު އަތޮޅުތަކުގައި ވެސް ރިސޯޓުތައް ތަރައްޤީ ކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ކ. ތުލުސްދޫގައި އިއްޔެ ބޭއްވި "ކޮރަލް ފެސްޓިވަލް ޕެނަލް" ގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ގިނަ ރިސޯޓްތައް ހުރީ މާލެއާއި މާލެ ކައިރި އަތޮޅުތަކުގައި ކަމަށާއި، ހދ އަތޮޅު ފަދަ މާލެއާ ދުރު އަތޮޅުތަކަށް ދިޔުމުން، އެ އަތޮޅުގައި ރިސޯޓުތައް ނެތުމުން އެ އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް ކަމަށެވެ.''

''ހދ ނާގޯށި އަލުން އެމްޓީޑީސީއާއި ހަވާލުކޮށް "އަންނަ އަހަރު" މަސައްކަތްފަށަނީ''، 4 އޮކްޓޯބަރު 2019 (ތިލަދުން)

މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ހދ. ނާގޯށި ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ތަޒްމީލް އަބުދުއްޞަމަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރަން އެނބޫދޫ ފަޅުގައި މިރޭ ބޭއްވި "ގާލާ ނައިޓް" ގައި ވާހަކަ ދައްކަވަމުން އެމްޓީޑީސީގެ އެމްޑީ ތަޒްމީލް ވިދާޅުވީ ނާގޯށި އެމްޓީޑީސީ އަށް ދެއްވާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށާއި އަދި އެ ރަށް ދިނުމާއެކު ބޭރުގެ އިންވެސްޓްރަކާއެކު ރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތް "އަންނަ އަހަރުގެ" ތެރޭގައި ފެށޭނެ: އެމްޓީޑީސީ، 7 އޮކްޓޯބަރު 2020 (ތިލަދުން)

ހދ. ނާގޯށި ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީ ކޮޅުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ވިދާޅުވެއްޖެއެވެ. އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ނެވެ.

ހއ. އަތޮޅުގެ 2 ރަށާއި ހދ އަތޮޅުން 1 ފަޅު ރިސޯޓް ތަރައްޤީކުރަން ބީލަމަށް ލައިފި (9 އޭޕްރިލް 2021)

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް 16 ރަށެއް ހުޅުވާލައިފި އެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްއިން މިރޭ ކުރި އިޢުލާންގައި ތިލަދުންމަތިން ހުޅުވާލާފައިވަނީ 2 ރަށާއި 1 ފަޅެވެ. އެއީ ހއ އަތޮޅުން ވެލިފިނޮޅާއި ހއ. އަލިދުއްފަރުފިނޮޅެވެ. ހދ. އަތޮޅުން ހުޅުވާލާފައިވަނީ ކުޑަފަރުފަސްގަނޑެވެ.

މިފަހަރުވެސް ހދ. ކުޑަފަރު ފަސްގަނޑާއި ށ. ކުޑަޅައިމެންދުއަށް ކުރިމަތިލާނެ ބަޔަކު ނުވި (23 މާޗް 2022) (ތިލަދުން)

ރިސޯޓުތައް ހަދަން އަލަށް ހުޅުވާލި ރަށްތަކަށް ބިޑް ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ތިލަދުންމަތިން ޝައުގުވެރިކަން ފާޅު ކުރީ ހަމައެކަނި ހއ. ދެ ރަށަށް ކަން ހާމަވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލަކު “ތިލަދުން” އަށް ވިދާޅުވީ ހއ. ގެ ދެ ރަށަށް ތިން ބަޔަކު ޝައުގުވެރިކަން ފާޅު ކުރި ކަމަށެވެ. އެ އަތޮޅުން ރިސޯޓް ހަދަން ހުޅުވާލީ މެދުފުއްޓާއި އަލިދުއްފަރު ފިނޮޅެވެ.

ހއ. އަށް ތިން ބަޔަކު ޝައުގުވެރިކަން ފާޅު ކުރި އިރު ހދ. އާއި ށ. އަތޮޅުން ހުޅުވާލި ދެ ރަށަށް ވެސް އެއްވެސް ބަޔަލު ކުރިމަތި ނުލައެވެ. ހދ. އިން ހުޅުވާލީ ކުޑަފަރުފަސްގަނޑެވެ. އަދި ށ. އަތޮޅުން ހުޅުވާލީ ކުޑަޅައިމަންދޫއެވެ. ޓޫރިޒަމް މިނިސްޓްރީން އަލުން މި ރަށްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޯބަރު 21 ގައެވެ. އޭގެ ކުރިންވެސް ފުރުސަތު ހުޅުވާލިއެވެ. ނަމަވެސް ތަރުހީބު ކުޑަވުމުން އަލުން ރަށްތައް ހުޅުވާލީއެވެ.

ރިސޯޓް ހަދަން ހުޅުވާލި ރަށްތަކަށް ބޮޑެތި އަގުތަކެއް، ހދ އަދި ށ ރަށްތަކަށް ޝައުގެއް ނެތް (29 މާޗް 2022) (ތިލަދުން)

ރިސޯޓު ހަދަން ހުޅުވައިލި ރަށްތަކަށް ބޮޑެތި އަގުތަކެއް ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. ރިސޯޓުތައް ހަދަން މި ރަށްތައް އިއުލާން ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. މި ރަށްތަކަށް ބީލަން ހުށަހެޅުން ކުރިއަށް ގެންދިޔައީ މިމަހުގެ 22 އާއި 23 ގައެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ 10 އަތޮޅަކުން 21 ރަށެއް ރިސޯޓު ތަރައްގީ ކުރަން ހުޅުވާލައިފައެވެ. މުއްދަތު ހަމަވިއިރު އެ ރަށްތަަކަށް 29 ބީލަން ފޮތް ގަނެފައިވާއިރު 13 ފަރާތަކުން ވަނީ ތަފާތު 9 ރަށަކަށް 18 ބީލަން ހުށަހަޅައިފައެވެ. މީގެ ތެރޭގައި ހިމެނެނީ ހއ. އަތޮޅުގެ ދެ ރަށަކަށް ހުށަހެޅި ތިން ބީލަމާއި މ. އަތޮޅުގެ ރަށަކަށް ހުށަހެޅި ދެ ބީލަމާއި ފ. އަތޮޅުގެ ދެ ރަށަކަށް އަށް ބީލަމާއި ތ. އަތޮޅުގެ ރަށަކަށް ހުށަހެޅި އެއް ބީލަމާއި ގއ. އަތޮޅުގެ ރަށަކަށް ހުށަހެޅި ބީލަމަކާއި ގދ. އަތޮޅުގެ ދެ ރަށަށް ހުށަހެޅި ތިން ބީލަމެކެވެ.