ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ އޮފީހުން ހއ. ދިއްދޫގައި "ޗައިލްޑް ރައިޓްސް ކޮމިއުނިޓީ އޮޑިޓް" އެއް ކުރިއަށް ގެންގޮސްފިއެވެ.
އެ އޮފީހުންވިދާޅުވި ގޮތުގައި، މި ކޮމިއުނިޓީ އޮޑިޓްގެ ތެރެއިން އެ ރަށުގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެކިގޮތްގޮތުން މަސައްކަތްކުރާ ޢިދާރާތަކަށް ޒިޔާރަތްކޮށް އިންޓަވިއުތައް ނަގައި، ބައެއްތަންތަން އިންސްޕެކްޓްކޮށްފަ ވެއެވެ.
މި އޮޑިޓް ކުރެވުނު މުއައްސަސާތަކާއެކު ސްޓޭކްހޯލްޑަރ ވޯކްޝޮޕް ބާއްވާ، ކުޑަކުދިންގެ ޙައްގުތައް ރައިކާތެރިކުރުމުގެ ޤާނޫނަށް އަހުލުވެރި ކުރުމުގެ އިތުރަށް، އޮޑިޓް ކުރެވުނު ތަންތަނުން ފާހަގަކުރެވުނު މުހިއްމު ކަންކަން އިދާރާތަކާއި ހިއްސާ ކުރެވުނު ކަމަށް އެ އޮފީހުން ވިދާޅުވެއެވެ.
މީގެ އިތުރުން ކުޑަކުދިންނާއި ގުޅޭ ކަންކަމުގައި މަސައްކަތް ކުރާއިރު އެ މުއައްސަސާތަކަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް، ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި އިދާރާތައް ގުޅިގެން މަސައްކަތް ކުރެވޭނެގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރެވުނު ކަމަށް ވެސް އެ އޮފީހުން ހާމަ ކުރައްވައެވެ.
މި ބައްދަލުވުމުގައި ހއ. އަތޮޅު އެޑިއުކޭޝަން ސެންޓަރ، ހއ. އަތޮޅު ހޮސްޕިޓަލް، ހއ. ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ، ހއ. ދިއްދޫ ޕޮލިސް ސްޓޭޝަން، ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓު އަދި ހއ. ދިއްދޫ ކައުންސިލުން ބައިވެރިވެފައިވެއެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އޮފީސް އުފެދުނީ 23 ޖުލައި 2020 ގައެވެ. އެ އޮފީހުގެ މައިގަނޑު މަސްޢޫލިއްޔަތުތަކަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، އދ.ގެ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް ދައުލަތުގެ މުއައްސަސާތައް ޢަމަލުކުރާ މިންވަރު ދެނެގަތުމާއި، ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި، މުވައްޒަފުން މޮނިޓަރކޮށް، އިވެލުއޭޓްކުރުމާއި، ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙުޤީޤުކޮށް މުޠާލިއާކުރުމެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އޮފީހުން ތަޙުޤީޤުކުރާނީ ކުޑަކުދިންގެ މަސްލަޙަތު ހިމެނޭ މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި، އެ އިދާރާތަކުގެ މުވައްޒަފުންގެ އިހުމާލެއް އޮތްކަމަށް ބެލެވޭ މައްސަލަތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!