ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އޮމާނަށް ވަޑައިގެންފި އެވެ.
އެޤައުމުގެ ވެރިރަށް މަސްކަޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އޮމާންގެ ޗީފް އޮފް ޕްރޮޓޮކޯލް ޚާލިދު އަލް ޖަރަޑީ އެވެ.
މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި އޮމާންގެ ފޮރިން މިނިސްޓަރ، ސައްޔިދު ބަދުރު އަލްބުސައިދީއާއި ބައްދަލުކުރައްވާ، ދެޤައުމުގެ ދެމެދުގައި ދޭދޭ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ގުޅުން ހުރި ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ އޮމާންގެ މިނިސްޓަރު އޮފް ހެރިޓޭޖް އެންޑް ޓޫރިޒަމް ސާލިމް ބިން މުޙައްމަދު އަލްމަޙްރޫގީއާއި ބައްދަލުކުރައްވާ އޮމާންގެ އިންވެސްޓްމަންޓް އޮތޯރިޓީއާއެކު މަޝްވަރާތައް ކުރައްވާ، ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ އިތުރު ގޮތްތަކާއި ގުޅޭގޮތުން ވެސް މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވާނެ ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އޮމާންގެ ސުލްޠާން ހައިޠަމް ބިން ޠާރިޤް ސިޓީފުޅެއް އަރުވާނެ އެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖެއިން އޮމާނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރު މުޙައްމަދު ޚަލީލް އަދި ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.
ސަރުކާރުން ގެންދަވަނީ މެދު އިރުމަތީގެ ޤައުމުތަކާއިއެކު ކުރިއަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވަމުން ނެވެ. އެގޮތުން މިމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަހްރެއިނަށް ވެސް ވަޑައިގެންފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!