ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ނެރުނު ހުދު ސަމާލަކީ މިއަދު މެންދުރު 12:30 އާ ހަމައަށް ނެރެފައިވާ ސަމާލެކެވެ.

Ad
rt

އެ ސަމާލުގައި ވިދާޅުވެފައިވަނީ އެ ސަރަހައްދަށް މިއަދު ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެ ސަރަހައްދުގެ ކަނޑުތައް ވެސް މި ވަގުތުތަކުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ލަފާކުރައްވާފަ އެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ދެކުނުގެ އަތޮޅަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅުވިނަމަވެސް އުތުރުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި މެދުރާއްޖެތެރެއަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރައްވަ އެވެ.

އެ އިދާރާއިން ވަނީ މޫސުމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދަތުރު ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.