ދިވެހި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މާލޭ މަސްމާރުކޭޓު ސަރަހައްދުގައި ކުރިއަށް ގެންދާ މި އިހުތިޖާޖުގައި ޕީޕީއެމްގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ވެސް ދަނީ ބައިވެރިވަމުންނެވެ.

Ad
rt

މި އިހުތިޖާޖުގެ ބައިވެރިން އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފަހައްޓައިގެން ތިބެ ޝުއޫރުފާޅު ކުރަމުންދާއިރު، ''މި ސަރުކާރުން މަސްވެރިން ބާކީ ކޮށްފި''، ''އިންޑިއާގެ މަސްބޯޓުތައް ބޭރުކުރޭ''، ''އިންޑީއާގެ މަސްވެރިން ރާއްޖޭގެ ކަނޑުތައް ވަގަށް ނަގައިފި''، ''މަސްވެރިން ނިކަމެތިކޮށްފި'' ފަދަ ޢިބާރާތްތައް އިހުތިޖާޖުގެ ބައިވެރިން ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި ލިޔެފަ ވެއެވެ.

މިއަދު އިހުތިޖާޖު އޮންނާނެކަން ޢިއުލާން ކުރުމަށް އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެފައި ވަނީ، 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން މިހާރުގެ ސަރުކާރުގައި ތިބި ފަރާތްތަކުން ވަރަށް ގިނަ ވައުދުތަކެއް މަސްވެރިންނަށް ވެފައިވާ ކަމަށެވެ.

އެހެންނަމަވެސް ވައުދުތައް ނުފުއްދި މަސްވެރި އާއިލާތައް ނިކަމެތިވަމުން އަންނަކަމަށާއި، އަދި މަޑުން ނުތިބެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ވަނީ ރާއްޖެގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި ވެސް އިހުތިޖާޖުތައް ކޮށްފަ އެވެ.