ހދ. ނޭކުރެންދޫ އިންޑަސްޓްރިއަލް ޕްރިޒަން އަކީ ރާއްޖޭގައި މިއަދު މިއޮތް ޒުވާނުން ކުށްތަކަށް އަރައިގަތުން ދުރުކޮށް އަނބުރާ މުޖުތަމައު އަށް ގެނައުމަށްޓަކައި ކުރަންހުރި މަސައްކަތްތަކުގެ ތެރެއިން އެންމެމުހިންމު އެއް މަސައްކަތް ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ އިމްރާން މިފަދައިން ވިދާޅުވީ ނޭކުރެންދޫ ގައި ސަރުކާރުން އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.
ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތް ކުށްކުރުމުގެ ހާލަތު ބަދަލުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި ވަރަށް ގިނަ ޒުވާނުން މަސްތުވާތަކެތީގެ އަވައިގާ ޖެހި އޭގެސަބަބުން އެކުދިންގެ މުޅި ދިރިއުޅުމަށް ވަރަށްބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން ވަރަށްގިނަ އާއިލާތަކެއް ނިކަމެތިވެ، ހާލުގައި ޖެހިފައިވާކަން ފާހަގަކުރައްވާ ޝައިޚް އިމްރާން ވިދާޅުވީ މުޖުތަމައުގައި އެފަދަ ކުދިންނަށް އެއްވެސްކަހަލަ މަސައްކަތެއް ކުރުމަށް ފުރުސަތު ނުލިބޭކަމަށެވެ.
"އެހެންވެ އަޅުގަނޑުމެންގެ ސަރުކާރު އައުމަށްފަހުގަ، ކުރިންވެސް އެބަހުރި މަސައްކަތްތަކެއް ކުރެވިފަ ނޭކުރެންދޫގަ ޕްރިޒަން އެއް އެޅުމަށް، އެހެންނަމަވެސް އަޅުގަނޑުމެން ދުނިޔޭގެ އެކިއެކި ޖަމާއަތްތަކާ ވަކިން ޚާއްސަކޮށް ޔޫއެން އޯޑީސީ އާ ހޯމް މިނިސްޓްރީ އާ އަދި ޔޫއެން ގެ އެހިހެން އެޖެންސީތަކާ އެއްކޮށް މަޝްވަރާކުރުމަށްފަހުގަ އަޅުގަނޑުމެން ވިސްނުމަކަށް ގެނައީ ނޭކުރެންދޫގަ އަޅުގަނޑުމެން ގާއިމުކުރާނީ އިންޑަސްޓްރިއަލް ޕްރިޒަން އެއްގެ ގޮތުގަ. އޯޕަން ކޮންސެޕްޓުގަ އެތަނުގެ ތެރޭގަ އެކި މަސައްކަތް ދަސްކޮށްދެވޭ ތަނެއްގެ ގޮތުގަ." ހޯމް މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އިރާދަކުރެއްވިއްޔާ މިފަށައިގަނެވުނީ އެކަމުގެ ވަރަށްމުހިންމު އެއްބައި ކަމަށާއި މިކަން ލަސްވެެގެން ދިޔައީ މުޅި ދުނިޔޭގެ އިގްތިސާދަށް ދިމާވި ގޮންޖެހުމާއި ގުޅިގެންކަން ފާހަގަކުރެއްވި އެވެ.
ނޭކުރެންދޫގެ ޖަލަކީ އިންޑަސްޓްރިއަލް ޕްރިޒަންއެއް. އޯޕަން ޕްރިޒަމް ސިސްޓަމްގެ ތެރެއިން އެޖަލު ހިންގާނީ. އެއީ ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ނެރުމަށް ދުނިޔޭގެ ގައުމުތަކުގައި މިހާރު ތަންފީޒު ކުރަމުން އަންނަ އެންމެ ކާމިޔާބު ސިސްޓަމް - މިނިސްޓަރ @ShimranAb pic.twitter.com/xJAJ4kxkrR
— Home Ministry, MV (@HomeMinistrymv) October 8, 2022
ހޯމް މިނިސްޓަރ ޝައިޚް އިމްރާން ވިދާޅުވީ މި އިންޑަސްޓްރިއަލް ޕްރިޒަންގެ މަސައްކަތް 250 ދުވަހުގެ ތެރޭގައި ނިމޭނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި މި ޕްރިޒަންގެ މުހިންމު މަސައްކަތްތަކެއް އަންނައަހަރު ކުރާނެ ކަމަށެވެ. އަދި އެތަނުގެ ކޮންސެޕްޓާއި ޑިޒައިން ވެސް މިހާރު ނިމިފައިވާ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!