ހދ. ނޭކުރެންދޫ ގައި ސަރުކާރުން އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.
ހޯމް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަސައްކަތް ހަވާލުކުރީ ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަޙްމާން ޞަލާޙް ރަޝީދު އެވެ. ޔުނިކް ޗޮއިސް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޔާޒް އަލީ އެވެ.
ނޭކުރެންދޫގެ ޖަލަކީ އިންޑަސްޓްރިއަލް ޕްރިޒަންއެއްކަމަށާއި ހިންގާނީ އޯޕަން ޕްރިޒަމް ސިސްޓަމްގެ ތެރެއިން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވި އެވެ.
އެޖަލު އެއީ ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ނެރުމަށް ދުނިޔޭގެ ގައުމުތަކުގައި މިހާރު ތަންފީޒު ކުރަމުން އަންނަ އެންމެ ކާމިޔާބު ސިސްޓަމް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މި މަސައްކަތް ހަވާލުކޮށްފައި މިވަނީ އެރަށުގައި ގާއިމްކުރާ ކަރެކްޝަނަލް ސެންޓަރުގެ މައްސަލާގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޖަވާބުގެ ތެދުދޮގު ބަލައި، ޖަވާބު އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.
އެ މައްސަލާގައި މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ސުވާލުކުރެއްވި މަޝްރޫއުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ މައުލޫމާތު ސާފުކުރުމަށާއި މިކަމާއި ގުޅޭގޮތުން މީގެ ކުރިން އެއްވެސް ފަހަރެއްގައި އިތުރުފުޅު ހައްދަވާފާނެތޯ އެވެ.
އޭގެ ޖަވާބުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ލިޔުމުން ފޮނުއްވި ޖަވާބުގައި މިނިސްޓަރ އިމްރާން ވިދާޅުވެފައި ވަނީ އުންމީދަކީ މިދައުރުގައި މިމަސައްކަތް ނުނިމުނުކަމުގައިވިޔަސް ދެން އަންނަ ދައުރެއްގައި އެމަސައްކަތް ކުރިއަށް ގެންދިޔުންކަމަށެވެ. އަދި މަސައްކަތް ކުރިއަށް ގެންދިޔުމަށް އީއައިއޭ ރިޕޯޓް ހެދުމަށް ވޯޓަރ ސޮލިޔުޝަންސްއާއި ހަވާލުކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ.
އެމަސައްކަތް 2021 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ނިންމާފައިވާ ކަމަށާއި އެކަމަށް އެލައްކަ ފަންސާސްހާސް ނުވަދިހަ ރުފިޔާ ހޭދަވިކަމަށް ވެސް މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.
ކަރެކްޝަނަލް ސެންޓަރު އެޅުމަށް ހުރި ސަރަހައްދުގައި އާންމުންގެ ރުއްގަސް ހުރުމުން، އެއަށް ބަދަލު ދިނުމަށް ނިންމައި ކުރިއަށްގެންދިޔަ މަރުހަލާ ދިގުލައިގެން ދިޔަކަމަށާއި އެ ރުއްގަސްތައް ނެގުމުގެ ގާބިލްކަން ކައުންސިލުގައި ނެތްކަން ކައުންސިލުން ހޯމް މިނިސްޓްރީއަށް އެންގުމުން، އެހިސާބުން ފެށިގެން ނޭކުރެންދޫ ޖަލު ސަރަހައްދާއި އިންވެގެން އުތުރުން ދެކުނަށް އިންވެގެން އޮންނަ މައި މަގާއި އިރުން ހުޅަނގަށް އޮންނަ ހުރަސް މަގުގެ ކަޑަ ޖަހައި، އެތަނަށް ވަދޭވެނެ ގޮތަށް މަގު ސާފުކޮށްދޭނެ ބަޔަކު ހޯދުމަށް ޖޫން 2021 އިއުލާންކުރިކަމަށް ވެސް މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.
ނޭކުރެންދޫގެ ޖަލަކީ އިންޑަސްޓްރިއަލް ޕްރިޒަންއެއް. އޯޕަން ޕްރިޒަމް ސިސްޓަމްގެ ތެރެއިން އެޖަލު ހިންގާނީ. އެއީ ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ނެރުމަށް ދުނިޔޭގެ ގައުމުތަކުގައި މިހާރު ތަންފީޒު ކުރަމުން އަންނަ އެންމެ ކާމިޔާބު ސިސްޓަމް - މިނިސްޓަރ @ShimranAb pic.twitter.com/xJAJ4kxkrR
— Home Ministry, MV (@HomeMinistrymv) October 8, 2022
އެހެންނަމަވެސް މުއްދަތު ހަމަވިއިރުވެސް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އޮގަސްޓް މަހު އަލުން ބިޑަށް ހުޅުވާލިކަމަށާއި އެމަސައްކަތް ފިޔުޗަރ ހޯމްސް ކުންފުންޏަށް ހަތަރު މިލިއަން ރުފިޔާއަށް ހަވާލުކުރެވުނުކަމަށް ވެސް މިނިސްޓަރ އިމްރާން ފޮނުއްވި ޖަވާބުގައި ވެއެވެ.
މިނިސްޓަރ އިމްރާނުގެ ޖަވާބުގައި އިތުރަށް ވިދާޅުވެފައިވަނީ އެސަރަހައްދުގައި ހުރި ރުއްގަސް އެހެން ހިސާބަކަށް ގެންދިޔުމުގެ އިއުތިރާޒެއް ނެތްކަމަށް އީޕީއޭއިން ކޮންޓްރެކްޓަރ، ފިޔުޗަރ ހޯމްސް ކުންފުންޏަށް އެންގީ ޑިސެމްބަރު މަހު ތެރޭގައިކަމަށާއި ޖަލު ސަރަހައްދުގެ މަގުގެ މަސައްކަތް ނިންމާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ.
ކޮވިޑާއެކު ދިމާވި މާލީ ގޮންޖެހުންތަކާއެކު ބަޖެޓު ކުޑަ ކުރިކަން ފާހަގަކުރައްވާ، މިއަހަރު ވެސް އަދި އަންނަ އަހަރު ވެސް މިކަމަށް ހުށަހަޅާފައިވާ ބަޖެޓަކީ އަހަރަކަށް 10 މިލިއަން ރުފިޔާކަމަށް މިނިސްޓަރ އިމްރާނުގެ ޖަވާބުގައި ވެއެވެ.
އެހެންކަމުން މިދައުރުގެ ތެރޭގައި ނިންމާލެވޭނެކަމަށް ބެލެވެނީ ޖަލުގެ ވަށާ ފާރާއި، ކޮންސެޕްޓާއި ތަފްސީލް ކުރެހުމުގެ މަސައްކަތް ކަމަށާއި އެހެންނަމަވެސް، މިމަސައްކަތަކީ ޖަލުގެ ޖާގައިގެ ދަތިކަމާއި ޖަލުގެ ހާލަތަށް ބަދަލެއް ގެނައުމަށް ކުރާ މަސައްކަތެއްކަމުން ކުރިއަށް އޮތް ދައުރުގައި މިކަން ކުރިއަށްގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ވެސް ހޯމް މިނިސްޓަރ އިމްރާނުގެ ޖަވާބުގައި ވެއެވެ.
އެނގިހުރެ މިކަމުގައި ދޮގު ހަދާފައިނުވާނެކަމަށް ވެސް މިނިސްޓަރ ވަނީ ޖަވާބު ނިންމަވަމުން ލިޔުއްވާފަ އެވެ.
ހޯމް މިނިސްޓަރ އިމްރާން ގެ ޖަވާބު، މަޖިލީހުގެ އަމީންއާންމު ތަޅުމަށް އިއްވެމުން މިއީ "އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކަ ފަދަ ދިގު ވާހަކައެއް" ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖަވަބާށް ފާޑު ވިދާޅުވެފަ އެވެ.
މައްސަލަ ހުށަހެޅުއްވި މެމްބަރު އަހުމަދު ރާއީ ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ މިކަމުގައި އިތުރުފުޅު ހައްދަވައި ކައުންސިލުން އެދިފައިވަނިކޮށް ސްޓޭޓް މިނިސްޓަރު އަހުމަދު ނަޒީރުގެ ކުންފުންޏަކަށް 4 މިލިއަން ރުފިޔާއަށް އެމަސައްކަތް ހަވާލުކޮށްފައިވާކަމަށް ތުހުމަތުކުރައްވާފަ އެވެ. އަދި މިހާތަނަށް އައިއިރު ކައުންސިލްގެ ފަރާތުން މިނިސްޓްރީއަށް އެއްބާރުލުން ދެމުން ގެންދިޔަކަމަށާއި އެކަންވެސް ކުރިއަށް ނުދާއިރު، މިމަޝްރޫއާއި ގުޅިގެން ރުއްގަހުން ލިބެމުންދިޔަ އާމްދަނީ ވެސް ރައްޔިތުންނަށް ނުލިބޭކަމަށް ރާއީ ވަނީ ވިދާޅުވެފަ އެވެ.
މީގެކުރިންވެސް އެކި ފަހަރު މަތިން ނޭކުރެންދޫ ކަރެކްޝަނަލް ސެންޓަރުގެ މަސައްކަތާއި ގުޅިގެން މަޖިލީހުގައި ވެސް މިނިސްޓަރާއި ވަނީ ސުވާލުކޮށްފަ އެވެ. ނޭކުރެންދޫ ކަރެކްޝަނަލް ސެންޓަރަކީ ސަރުކާރުން ވެފައިވާ ބޮޑު ވައުދަކަށްވާއިރުވެސް، އެމަސައްކަތް އެއްވެސް ވަރަކަށް ކުރިއަށްނުދާކަމަށް ބުނެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!