އއ މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނުނު މީހާ ހޯދުމަށް 35 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހައިތަނަށް ބަލާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި ފާސްޓް އިންޓަސެޕްޓް ކުރާފްޓް "ހަކުރާ" އަދި އެމްއެންޑީއެފް ޑޯނިއަރ ފްލައިޓް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަކަމަށެވެ.

Ad
rt

ގެއްލިގެން ހޯދަމުން ދަނީ ސ. ހިތަދޫ، މިންހާ, މުޙައްމަދު މިންހާޖު ކަމަށާއި އުމުރުން 28 އަހަރުގެ މިންހާޖު ލައިގެން ހުރީ އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްްއެންޑީއެފް އިން ވިދާޅުވި އެވެ.

މި ހާދިސާގައި ސަލާމަތްވި މީހާ މިހާރުވަނީ އިތުރުފަރުވާއަށް މާލެ ގެނެސްފަ އެވެ. އޭނާ މާލެ ގެނައީ އާއިލާގެ އެދުމަށް ރޭގަ އެވެ.

މި މަހުގެ 7 ވަަނަ ދުވަހު (7 އޮކްޓޯބަރ 2022) މެންދުރު އެކެއްޖަހާކަންހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ ލޯންޗު ފުރީ މާލެ، ކުރީގެ ކުނިކޮއްޓާ ދިމާއިން ކަމަށް ފުލުހުން އިއްޔެވަނީ ވިދާޅުވެފަ އެވެ. އަދި އެ ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުން ކަމަށް މައުލޫމާތު ލިވިފައިވާ ކަމަށާއި އެ ލޯންޗު ފެނުނު އިރު އެ ލޯންޗުން އެކަކު ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އެ ލޯންޗު ބަންޑުން ޖަހާލާފައި އޮއްވާ އއ. މާޅޮސް ކައިރިން ފެނިފައިވާއިރު، ސަލާމަތްވި މީހާ ފެނިފައިވަނީ ފެރިދޫ ފުއްޓަރާ ދިމާއިން ނެވެ. އެމީހާއަށް ފުރަތަމަ ފަރުވާދީފައިވަނީ ފެރިދޫ ސިއްހީ މަރުކަޒުގަ އެވެ.

އެމްއެންޑީއެފް އިން ވަނީ ގެއްލުގެން ހޯދަމުންދާ މިންހާޖު އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބަރ ކުރައްވާނަމަ 9931082 އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސްކުރެއްވުމަށް އެދިފަ އެވެ.