ހދ. މަކުނުދޫގައި ފަށާ ތަޢުލީމް ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި، އެ ރަށު ނާރެސް، ހުސައިން ޖަލީލާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ ބައްދަލު ކުރައްވައިފިއެވެ.

މި ފުރުޞަތަކީ ހުސައިން ޖަލީލްގެ އެދިލެއްވުމުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ހޯއްދަވައި ދެއްވި ފުރުޞަތެކެވެ.

Ad
rt

ރާއީ ވަނީ ހުސައިން ޖަލީލަށް އެ ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރެއްވި ސަބަބު، ވެސް ހިއްސާ ކުރައްވާފައެވެ. ރާއީ ވިދާޅުވެފައި ވަނީ ހުސައިންއާއި ފުރަތަމަ ބައްދަލުވެފައި ވަނީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގެ ތެރެއިން މަކުނުދޫގެ ގޭގެއަށް، ދޮރުން ދޮރަށް ހިނގުމުގެ ތެރެއިން ކަމަށެވެ.

އެ ދުވަހު ހުސައިން ރަށުގެ ތައުލީމަށް އަމިއްލަ ގޮތުން ކޮށްދެއްވި ބުރަ މަސައްކަތްތަކުގެ ތަފްސީލު ހިއްސާ ކުރައްވައި، (ރާއީ) އަށް މެމްބަރުކަން ލިބިއްޖެނަމަ، މެދުވެރިއެއްގެ ދަޢުރު އަދާކުރައްވައި އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބައްދަލު ކޮށް ހުސައިން ބޭނުންފުޅުވާ ވާހަކަފުޅުތަށް އެ ބޭފުޅުންނާއި ހިއްސާކޮށްލެއްވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަށް އެދިފައިވާ ކަމަށެވެ.

އެ އެދިލެއްވުމާއި އެއްގޮތަށް ރާއީ ވަނީ އެ ފުރުޞަތު ހޯއްދަވައި ދެއްވާފައެވެ. ރާއީ އިތުރަށް ވިދާޅުވެފައި ވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ބައްދަލުވުމުގައި ބައިވެރި ވަޑައިގެން ހުސައިން ރަށުގެ ތައުލީމީ ދާއިރާއަށް ކޮށްދެއްވި ބުރަ އަދި ވި ޤުރުބާނީގެ އަގްވަޒަން ކޮށް ހުސައިންއަށް ހައްޤުވާ ޝަރަފް ދެއްވީތީ އެކަމާއި އުފާކުރައްވާ ކަމަށެވެ.

ހުސައިން ޖަލީލް ވަނީ މަކުނުދޫގައި ބާރަވަރަކަށް އަހަރު ޕްރީސްކޫލްގެ ޚިދުމަތް ފޯރުކޮށްދީފައެވެ. މި ނޫހާއި ވާހަކަ ދައްކަވަމުން ހުސައިން ޖަލީލް ވިދާޅުވެފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެންމެ އިސް ބޭފުޅުންނާއި ބައްދަލުކޮށްލަން ބޭނުންވި އެންމެ ބޮޑު ސަބަބަކީ ފަށާ ތަޢުލީމުގައި ހިމެނެނީ ހަމައެކަނި އެލްކޭޖީއާއި ޔޫކޭޖީ ކަމުގައި ސަރުކާރުން ދެކޭދެކުމަކީ އެންމެ ރަނގަޅު ވިސްނުން ނޫންކަން ހިއްސާ ކުރެއްވުން ކަމަށެވެ.

ހުސައިން އިތުރަށް ވިދާޅުވެފައި ވަނީ ފަށާ ތަޢުލީމް ސަރުކާރުން ފުރިހަމައަށް ފޯރުކޮށްދިން ކަމަށްވާނީ އެލްކޭޖީއާއި ޔޫކޭޖީގެ އިތުރުން ބޭބީ ނާސަރީއާއި ނާސަރީ ވެސް ސަރުކާރު ސްކޫލުތަކުގައި ކިޔަވައިދީގެންނެވެ.

ހުސައިން އިތުރަށް ވިދާޅުވެފައި ވަނީ އެލްކޭޖީއާއި ޔޫކޭޖީ ސަރުކާރު ސްކޫލްތަކަށް ބަދަލުކުރުމުން، ކުދި އާބާދީތަކުގައި ބޭބީ ނާސަރީއާއި ނާސަރީއަށް ކިޔަވައި ދިނުމަށް އޮންނަ ފުރުޞަތު ވެސް ގެއްލިގެންދާ ކަމަށެވެ. އެ ދެ ގްރޭޑް ސަރުކާރު ސްކޫލްތަކަށް ބަދަލުކުރުމުން ބޭބީ ނާސަރީއާއި ނާސަރީގައި ކިޔަވަން ތިބޭ މަދު ކުދިން އެކަނި ލައިގެން ޕްރައިވެޓް ޕްރީސްކޫލްތައް ހިންގެން ނޯންނަ ކަމަށެވެ.

ހުސައިން އިތުރަށް ވިދާޅުވެފައި ވަނީ މިއީ ސަރުކާރުން ފަށާ ތަޢުލީމުގައި ހިމެނޭ އެއްބައިގެ ތެރެއަށް ވަނުމާއި ގުޅިގެން އަމިއްލަ މަންފާއެއް ނެތި ރަށްފުށުގައި ފަށާ ތަޢުލީމް ފޯރުކޮށްދެމުން އައި ގިނަބައެއްގެ ކަންބޮޑުވުމެކެވެ. ހުސައިންގެ އެދުމަކީ ސަރުކާރުން ޤަބޫލްކުރާ ފަށާ ތަޢުލީމިގެ ތެރޭގައި ބޭބީ ނާސަރީއާއި ނާސަރީ ވެސް ހިމެނުމެވެ.

ހުސައިން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އިސްބޭފުޅުންނާއި ބައްދަލު ކޮށްލުމުގެ ފުރުޞަތު ހޯއްދަވައި ދެއްވިކަމަށްޓަކައި ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީއަށް ޝުކުރު އަދާކުރައްވާފައެވެ.