ކުޅުދުއްފުށި ސިޓީ ހިމެނޭގޮތަށް އިތުރު ތިން ރަށެއްގައި އަޅާ ސިންތެޓިކް ޓްރެކްތައް އަންނައަހަރު ބޭނުންކުރެވޭނެ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި އަޅާ ޓްރެކާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު، މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
އައްޑޫ ސިޓީ ހިތަދޫގައި ސިންތެޓިކް ޓްރެކެއް އެޅުމުގެ ވާހަކަ ދެއްކިތާ އަހަރުދުވަސް ވީއިރުވެސް އެކަމުގެ މަސައްކަތް ފެށީނުވާތީ، އެމަސައްކަތް ގޮސްފައި އޮތް ހިސާބެއް އޮޅުން ފިލުއްވުމަށް މެމްބަރު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު މަހްލޫފް ވިދާޅުވީ އައްޑޫސިޓީ ހިތަދޫ އާއި ފުވައްމުލަކު ސިޓީ އާއި ކުޅުދުއްފުށި ސިޓީގެ އަދި ގދ. ތިނަދޫގައި ސަރުކާރުން ހެދުމަށް ހަމަޖެހިފައިވާ ސިންތެޓިކް ޓްރެކްތައް އަންނަ އަހަރު ބޭނުންކުރެވޭނެ ކަމަށެވެ.
މެމްބަރު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ މަހްލޫފު އިތުރަށް ވިދާޅުވީ މީގެ ކުރިން ޕްލޭންކުރީ ބަޖެޓުގެ ތެރެއިން އެ ޓްރެކް އެޅުމުގެ މަސަައްކަތް ކުރިއަށް ގެންދިއުމަށްނަމަވެސް ކޯވިޑްގެ ސަބަބުން އެކަމަށް ހުރަސް އެޅުނީ ކަމަށެވެ.
"މިހާރު އެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ސަރުކާރުގެ، އެލްއޯސީގެ ތެރެއިން ކަނޑައަޅާފައިވާ 40 މިލިޔަން ޑޮލަރުގެ ތެރެއިން. އޭގެ ތެރޭގައި ހިތަދޫ، ފުވައްމުލަކު، ތިނަދޫ އަދި ކުޅުއްދުފުށީގައި ޓްރެކް ހެދުން ހިމެނޭ." މިނިސްޓަރ މަހްލޫފް ވިދާޅުވި އެވެ.
އެ ޓްރެކްތައް ހަދަން ފެށުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށާއި ޕްރީ ކޮލިފިކޭޝަންގެ ޕޭޕަރުތައް ނިމި، ކުރިއަށް އޮތް ހަތަރު މަސް ދުވަހެއްގެ ތެރޭގައި މަސައްކަތް ފެށޭވަރުވާނެ ކަމަށް ވެސް މިނިސްޓަރު މަހްލޫފް މިއަދު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!