އެކި މުނާސަބަތުތައް ފާހަގަކުރުމަށް ބާއްވާ ދުވަސްތައް އިންތިޒާމު ކުރުމުގައި ހަރަދު ކުޑަކުރަން ތައުލީމާބެހޭ ވުޒާރާއިން ރާއްޖޭގެ މަދަރުސާތަކަށް އަންގައިފިއެވެ.
ތައުލީމާބެހޭ ވަޒީރު، ޑރ. އައިޝަތު ޢަލީ ސޮއިކުރައްވާ ސަރުކާރުގެ ހުރިހާ މަދަރުސާތަކުގެ އިސްވެރިންނަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ، މަދަރުސާތަކުން އެކި މުނާސަބަތުތަކާއި ގުޅުވައިގެން ފާހަގަކުރާ އެކިއެކި ދުވަސްތައް ފާހަގަކުރުމަށް ބޮޑެތި ހޭދަތައް ކުރަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މި ގޮތަށް ކުރާ ހޭދައަށް ބޭނުންވާ ފައިސާ މަދަރުސާތަކުގެ ޕީޓީއޭ މެދުވެރިކޮށް އަދި އެކި ފަރާތްތަކުން ދޭ ހިލޭ އެހީ އާއި ހެޔޮއެދޭފަރާތްތަކުގެ އަތުން ހޯދާ ކަން ފާހަގަ ކުރެވޭ ކަމަށް ވެސް ވިދާޅުވެފަ ވެއެވެ. އަދި މިފަދަ ކަންކަމަށް ހަރަދު ކުރަން ބެލެނިވެރީންގެ އަތުން ފައިސާ ހޯދާ ހޭދަކުރުމަކީ އެ ވުޒާރާއިން އެއްވެސް ވަަރަކަށް ތަރުހީބު ދޭ ކަމެއް ނޫން ކަމަށާއި، އެކަމުގެ ޝަކުވާ ބެލެނިވެރީންގެ ފަރާތުން ލިބޭ ކަމަށްވެސް އެ ސިޓީގައި ވިދާޅުވެފަ ވެއެވެ.
އެ ވުޒާރާއިން ވިދާޅުވެފައި ވަނީ، ސްކޫލްތަކުން ރާވާ ހިންގޭ ކޮންމެ ހަރަކާތަކީ އެ ކަމުގެ ސީދާ މަންފާ ދަރިވަރުންނަށް ކުރާ ގޮތަށް ހިންގާ ހަރަކާތަަކަށް ހެދުމާއި ބެލެނިވެރިން ދަރިވަރުންނަށް ޓަކައި ކުރާ ކޮންމެ ހޭދައަކީ އެ ކަމުގެ ސީދާ އަސަރު ދަރިވަރުންނަށް ކުރާ ކަމަކަށް ހެދުމަށް އަބަދުވެސް ބާރު އަޅާ ކަމަށެވެ.
އެ ވުޒާރާއިން ވަނީ މަދަރުސާތަކުގައި އެކި މުނާސަބަތުތަކާއި ގުޅިގެން ދުވަސްތައް ފާހަގަކުރުމަށް އަގުބޮޑު ހަދިޔާ ދިނުމާއި އެކިއެކި ހަފްލާތައް ބޭއްވުމަށް ބޮޑެތި ހޭދަ ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. އެގޮތަށް ކުރެވޭ ކަންކަމުގެ ސަބަބުން އެއް ކުލާހެއްގައި ކިޔަވާ ދަރިވަރުންގެ މެދުގައި އަޅާ ކިޔުމާއި ދޭ ދޭ ސުކޫލުތަކުން ކުރާ ކަންކަމުގެ ސަބަބުން ސުކޫލުތަކުގެ މެދުގައި އަޅާ ކިޔުމަށް މަގުފަހިވެ ސުކޫލުތެރޭގައި ދަރިވަރުން ދަރަޖަކުރެވި ލޭބަލް ކުރުމަށް މަގުފަހިވުމާއި މުޖްތަމައުގެ ތެރޭގައި ތައުލީމީ ނިޒާމާ ދޭތެރޭ ދެކޭގޮތް ބަދަލުވެ ނުރަނގަޅު ތަސައްވުރެއް އުފެދުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ސިޓީގައި ވިދާޅުވެފަ ވެއެވެ.