ހދ. ހަނިމާދޫ އެއަރޕޯޓް ޖެޓީގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށް ގޮސްފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނީ މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ހަނިމާދޫ ޕޯސްޓަށް ލިބުނީ މިއަދު 12:41 ހާއިރުކަމަށެވެ.
އަޑިއަށް ގޮސްފައިވަނީ ލީން އެކްސްޕްރެސް ނަމަކަށް ކިޔާ ލޯންޗެކެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހަނިމާދޫ ޕޯސްޓްގެ ސިފައިންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން މިހާރު މި ލޯންޗު ވަނީ އެ ސަރަހައްދުން އެއްގަމަށް އަރުވާފައިވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް އެމްއެން ޑީއެފްއިން ބުނެ އެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ މިއަދު އުތުރުގެ އަތޮޅު ތަކަށް ޔެލޯ އެލާޓްވެސް ނެރެފައެވެ. ހއ އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށް އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 14:15 އިން ފެށިގެން 18:00 އާއި ހަމައަށެވެ.
މޫސުން ގޯސްވުމާއި އެކު، ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށާއި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ޚާއްޞަކޮށް ކުދި އަދި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އެދެއެވެ.
މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށާއި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުން މުހިންމެވެ.
ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!