އަރަބިއްޔާ ސްކޫލްގެ އާ އިމާރާތާއި ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތް ކުރުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފި އެވެ.
ބާ ޖަމާލުއްދީން ބިމުގައި އަޅާ މި ދެ ސްކޫލް އެޅުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އަމީން ކޮންސްޓްރަކްޝަންގެ ސެކްރެޓަރީ އިބްރާހިމް ނިހާދެވެ.
މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން އަޅާ ދެ ސްކޫލް އެޅުމަށް އެ ކުންފުންޏާއި ހަވާލު ކޮށްފައިވަނީ 168.5 މިލިއަން ރުފިޔާ އަށް 420 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
އަރަބިއްޔާ ސްކޫލްގައި 40 ކްލާސް ރޫމާއި މަލްޓީޕަރޕަސް ހޯލަކާއި ހަތަރު ލިފްޓު ހުންނައިރު، ޖަމާލުއްދީން ސްކޫލް އެނެކްސް ގައި ހުންނާނީ 34 ކްލާސް ރޫމާއި މަލްޓީޕަރޕަސް ހޯލަކާއި ދެ ލިފްޓެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވަނީ މި ދެ ސްކޫލްގައި ވެސް ސްކޫލެއްގައި ފުރިހަމާވަން ޖެހޭ ހުރިހާ ޚިދުމަތްތަކާއި އޮފީސް އިމާރާތް ހުންނާނެ ކަމަށާއި މުވައްޒަފުންގެ ވެހިކަލް ޕާކު ކުރުމަށް ވެސް ޚާއްސަ ޕާކިން ޒޯނެއް ހުންނާނެ ކަމަށެވެ. އަދި މަދޮށި ގޯޅިން ޖަމާލުއްދީން މަގަށް ސްކޫލް ބޭނުމަށް ޚާއްސަ މަގެއް ހެދުމަށް ނިންމާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެ އެވެ.
މި އިމާރާތުގެ ސަބަބުން އަރަބިއްޔާ ސްކޫލަށާއި ޖަމާލުއްދީން ސްކޫލަށް އެނެކްސްއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރެވޭނެ ކަމަށާއި އާ އިމާރާތް ނިމުމުން ޖަމާލުއްދީން ސްކޫލްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލު ކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެ އެވެ.
އެޑއިުކޭޝަން މިނިސްޓްރީން ލަފާ ކުރައްވަނީ ތާވަލާއި އެއްގޮތަށް ނިމިއްޖެ ނަމަ ދެ ސްކޫލްގެ މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރަށް ނިމޭނެ ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ދެ ވަނަ ޓާމުގެ ކިޔެވުން އެ ދެ ސްކޫލްގައި ކުރިޔަށް ގެންދަން ފެށޭނެ ކަމަށް ވެސް އުއްމީދު ކުރައްވަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!