ގެއްލިގެން ހޯދާ މީހުން ހޯދުމަށް އެދެވޭގޮތެއްގައި ކަމާބެހޭ އިދާރާތަކަށް މަސައްކަތް ނުކުރާކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.
އެމްއެންޕީން މިހެން ބުނެފައި މިވަނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އަޒުހާން ހޯދުމުގެ މަސައްކަތަށް އެދެވޭ ކުރިއެރުމެއް މިހާތަނަށް ލިބިފައިނުވާތީ، ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ގެއްލިގެން ހޯދާ މީހުން ހޯދުމަށް އެދެވޭގޮތުގައި މަސައްކަތްތަކެއް ކަމާބެހޭ އިދާރާތަކުން ކުރަމުން އަންނަ ކަމަކަށް ގަބޫލު ނުކުރާ ކަމަށެވެ.
އެމްއެންޕީން ނެރުނު ބަޔާނުގައި އިތުރަށް ބުނީ މީހުން ގެއްލިގެން ހޯދާ މައްސަލަތަކުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އާންމުންގެ އެހީތެރިކަމަށް އެދި ސަރޗް ޕާޓީތައް އެކުލަވާލައި، ޓެކްނޮލޮޖީގެ އެހީގައި އެފަދަ މައްސަލަތައް ހައްލުކުރުމަށް އަވަސްވެގަންނަ ކަމަށެވެ.
"ހަމަ މިބީދައިން ރާއްޖޭގެ ރައްޔިތުންގެ އެއްބާރުލުމާއި އެކު ދިވެހި ފުލުހުންނަށް ވެސް މިފަދަ މައްސަލަތައް އަވަހަށް ހައްލު ކުރެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން. ދިވެހިންނަކީ އަބަދުވެސް އެކަކަށް ދިމާވާ ހިތްދަތިކަމުގައި ބައިވެރިވެ، އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެކު ގުޅިގެން އުޅޭ އެކަތިގަނޑެއް ފަދަ ބައެއް." އެމްއެންޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ޕާޓީން ވަނީ ކަމާބެހޭ އިދާރާތަކުން މިހާރަށް ވުރެ ބޮޑަށް މިފަދަ މައްސަލަތަކުގައި ހަރުދަނާ އެކަށޭނަ ފިޔަވަޅުތަކެެއް އެޅުމަށް ގޮވައިލާފަ އެވެ.
ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުންދާ ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ، އުމުރުން 27 އަހަރުގެ މުޙައްމަދު އަޒުހާން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންއަންނައިރު، އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
އެހެންނަމަވެސް ފުލުހުން މިހައިތަނަށް ކުރި މަސައްކަތުން އޭނަ ފެނިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!