ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް މުރާޖައާކޮށް ރާއްޖޭގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އެކުލަވާލަން ޖެހޭ ގާނޫނު އެކުލަވާކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެ އެވެ.

އެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެ ކޮމިޝަން އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރަން ގާނޫނު އަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލް އެކުލަވާލައި މަޖިލީހުގެ ތިން ވަނަ ދައުރަށް ހުށަހެޅުމަށް ގަސްދުކޮށްފައިވާ ކަމަށެވެ.

Ad
rt

އެ ބިލު އެކުލަވާލުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށް ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށު ކޯޓުތަކާއި ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އެ ނޫން ވެސް ކަމާބެހޭ ފަރާތްތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ކުރިއަށްއޮތް ހަފުތާގެ ތެރޭގައި ފެށުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މިއީ ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ މުހިންމު ވައުދެކެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން މިހާރު އޮތް ގޮތުން އެ ކޮމިޝަނުގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ތިއްބަވަ އެވެ. އެގޮތުން ރައީސް އައްޔަންކުރައްވާ މެމްބަރަކާއި އެޓަރނީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުގެ އިތުރު މެމްބަރަކު ވެސް އެ ކޮމިޝަނުގައި ތިއްބަވަ އެވެ.