ހަންގޭރީ ބަލިކޮށް އިޓަލީ ސެމީއަށް، ފޯރިގަދަވި ޖަރުމަނާއި އިންގްލެންޑް ބައްދަލުކުރި މެޗު އެއްވަރު

photo_2022-09-27_11-05-46

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ތިންވަން ގްރޫޕުގައި ހަންގޭރީއާއި އިޓަލީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން އިޓަލީ ޖާގަ ހޯދައިފިއެވެ.

މި މެޗަށް ނުކުތްއިރު މެޗު އެއްވަރު ކޮށްލައިގެން ވެސް ސެމީގެ ޖާގައެއް ހޯދުމުގެ ފުރުޞަތު ހަންގޭރީއަށް އޮތެވެ. އިޓަލީ ސެމީގެ ޖާގައެއް ހޯދަން މޮޅުވުން މަޖުބޫރު މެޗުގައި، އެ ޓީމުން ވަނީ ހަންގޭރީގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދައި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.

ހަންގޭރީގެ ޕުސްކަސް އެރީނާ ޕާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ހަންގޭރީންނެވެ. މެޗުގައި އިޓަލީން ކާމިޔާބުކުރި ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ރަސްޕަޑޯރީއެވެ. ދެވަނަ ލަނޑު 52 ވަނަ މިނެޓުގައި ކްރިސްޓެންޓޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިމާކޯއެވެ. މެޗުގެ ފަހުބައިގައި ހަންގޭރީން ވަނީ ޓީމް ކުރިއަށް ޖައްސައި ލަނޑުޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އިޓަލީން ވަނީ ރަނގަޅު ޑިފެންސެއްކޮށް ހަންގޭރީ ހުއްޓުވާފައެވެ. ހަންގޭރީގެ ހަމަލާތައް ހުއްޓުވުމުގައި އިޓަލީގެ ކީޕަރު ޑޮނަރުންމާ ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މި ގްރޫޕްގައި ހިމެނޭ އަނެއް ދެ ޓީމް ކަމަށްވާ އިންގްލެންޑާއި ޖަރުމަނު ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.

ރޭ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ފަހު ހާފުގައި ވަނީ ޖުމްލަ ހަ ލަނޑު ފެނިގެން ގޮސްފައެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ޖަރުމަނުންނެވެ. ޖަރުމަނަށް ފުރަތަމަ ލަނޑު 52 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ގުންޑަގަންއެވެ. މި ޕެނަލްޓީއަކީ އިންގްލެންޑްގެ އޭރިއާގެ ތެރެއިން މެގުއާ ޖަރުމަނުގެ ޖަމާލް މުސިއާލާއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ޖަރުމަނުގެ ކައި ހަވާޓްޒް ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ހަވާޓްޒް މި ލަނޑު ކާމިޔާބު ކޮށްފައިވަނީ އޭރިއާ ބޭރުގައި ހުރެ އިންގްލެންޑްގެ ގޯލުގެ މަތީކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ޖަރުމަނުން ދެ ލަނޑު ޖަހާފައި ވަނިކޮށް މެޗުގެ ފަހުބައިގައި އިންގްލެންޑުން ވަނީ ތިން ލަނޑުޖަހައި އެ ޓީމް ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. ފުރަތަމަ ލަނޑު 71 ވަނަ މިނެޓުގައި ލުކާ ޝޯ ކާމިޔާބު ކޮށްދީފައިވާއިރު، ދެވަނަ ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މައުންޓެވެ. އިންގްލެންޑަށް ލީޑު ހޯދައިދީފައި ވަނީ 83 ވަނަ މިނެޓުގައި ކޭން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއީ ލިބުނު ޕެނަލްޓީއަކުން ކޭން ކާމިޔާބު ކޮށްދިން ލަނޑެކެވެ. މި ނަތީޖާއާއިއެކު އިންގްލެންޑް މޮޅުވާން ދަނިކޮށް މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ހަވާޓްޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މި ގްރޫޕްގެ ހުރިހައި މެޗެއް ކުޅެ ނިމިފައިވާއިރު، ކުޅުނު ހަ މެޗުން ލިބުނު 11 ޕޮއިންޓާއިއެކު މުބާރާތުގެ ސެމީ ފައިނަލުން އިޓަލީ ވަނީ ޖާގަ ހޯދާފައެވެ. ދެވަނާގައި ހަންގޭރީ އޮތީ ކުޅުނު ހަ މެޗުން ލިބުނު 10 ޕޮއިންޓާއި އެކުގައެވެ. ތިންވަނާގައި ހަތް ޕޮއިންޓާއިއެކު ޖަރުމަނު އޮތްއިރު، ތާވަލުގެ ފުލުގައި އޮތީ އިންގްލެންޑެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *