ހދ. ފިނޭ މިއަދު ވެގެން މި ދިޔައީ އިންސާނުން ދިރިއުޅުމަށް ފައްކާކުރެވިފައިވާ ރަށެއްގެ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެ ރަށުގައި އަލަށް ޢިމާރާތްކުރި އިންޖީނުގެއާއި، އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައި، އަދި އެރަށުގެ އާ ކަރަންޓް ވިއުގައާއި، ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ފިނޭ މިގޮތަށް ބަދަލުވެގެން ދިއުމަކީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި އުފަލެއް ކަމަށާއި ފިނޭގައި އަސާސީ ޚިދުމަތްތައް ޤާއިމް ކުރެވުމާއި އެކު، ތަރައްޤީގެ އިތުރު ފުރުޞަތުތައް ރަށުގެ ރައްޔިތުންނަށް ހުޅުވިގެން ދާނެ ކަމަށެވެ.
މިގޮތުން، ފިނޭ އާއި ދާދިގާތުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އޮތުމާއި، ދަތުރުފަތުރުގެ ނިޒާމާއި އެކު، ފިނޭގެ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ވެސް ފުރުޞަތުތައް ހުޅުވިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.
ފިނޭގެ ރައްޔިތުން މީގެކުރިން ތަޙައްމަލް ކުރަން ޖެހުނު ދަތިތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފިނޭގެ ތަރައްޤީއަށް ދެން ކުރަން އޮތް އެންމެ މުހިއްމު ކަމަކީ، ފިނޭގެ ބަނދަރުގެ މަސައްކަތް ކަމަށެވެ. އަދި އެ މަޝްރޫޢަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ފިނޭގައި ތަރައްޤީކުރެވުނު އާ އިންޖީނުގެއާއި، އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައި، އަދި އާ ކަރަންޓްގެ ވިއުގަ އިފްތިތާޙްކޮށްދެއްވުމަށްފަހުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޖީނުގެއާއި އޮފީސް ޢިމާރާތް ވެސް ބައްލަވާލައްވާފަ އެވެ.
ފިނޭގައި ކުރިން ހުރި އިންޖީނުގެ އަކީ 18 އަހަރުވީ އިންޖީނުގެ އެކެވެ. ރަށުގެ މީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައި، އިންޖީނުގެ ހުރުމުން އިންޖީނުގެ އަޑާއި، އަރާ ދުމާއި، ގެނދަބުޅީގެ ސަބަބުން އާއްމު ރައްޔިތުންނަށް އޮތީ އެކަން ވަރަށް ބޮޑު ތަކްލީފަކަށް ވެފަ އެވެ. ފިނޭގައި ޢިމާރާތްކުރި އާ އިންޖީނުގެއިން، 570 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭއިރު، ރަށުގެ ކަރަންޓް ނެޓްވޯރކް ވެސް ވަނީ މުޅިން ބަދަލުކޮށްފަ އެވެ.
މީގެ އިތުރުން ފިނޭގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ، 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. ފިނޭގެ ފެނާއި ނަރުދަމާގެ ނިޒާމް ހިންގައި ބަލަހައްޓާނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ފިނޭގައި މި އަހަރުގެ އޮގަސްޓް މަހު ފެނުގެ ޚިދުމަތް ދޭން ފަށާފައިވާއިރު، މި ހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ނަރުދަމާގެ ޚިދުމަތް ވެސް ދޭން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!