''މުސާރައިގެ ހެޔޮ ބަދަލު ދެން އެންމެ އަވަހަށް އަންނާނީ ޞިއްޙީ ދާއިރާއަށް''

ރައީސް ޞާލިޙް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ރައީސް ޞާލިޙް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

މުސާރައިގެ ހެޔޮ ބަދަލު ދެން އެންމެ އަވަހަށް އަންނާނީ ޞިއްޙީ ދާއިރާއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ޞިއްޙީ ނިޒާމު ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތް އަދިވެސް ވަރަށް ގިނަ ކަމަށެވެ. އެއާއެކު ވެސް މުޅި ރާއްޖޭގައި ޞިއްޙީ ޚިދުމަތް ދެމުން އައި ސަރުކާރުގެ ކޮންމެ ހިޔާވައްސަކަށް ބޭނުންވާ އިތުރު ބަދަލާއި ފުރިހަމަކަން ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސްޕެޝަލިސްޓް ޑޮކްޓަރުންގެ އައުޓްރީޗް ޕްރޮގްރާމާއި، މޯބައިލް ލެބޯރެޓަރީގެ ޚިދުމަތް އަމާޒު ކުރެވިފައިވަނީ، އެ ޚިދުމަތް ކުރިން ނެތް ރާއްޖޭގެ ހުރިހާ ރަށަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

''ރާއްޖެ ވިއަވަތިވެ، ދިރިއުޅުން ޖަޒީރާވެ، އުފާފާގަތިކަމާއި ބާއްޖަވެރި ޙަޔާތެއްގެ ނަޞީބު، ކޮންމެ ރަށެއްގެ ކޮންމެ ދިވެއްސަކަށްމެ ޙައްޤު. ކުރާ މަސައްކަތުގައި މުޅި ޢުމުރު އަވަދިކުރަމުންދާ މީހާއަށް ޙައްޤު އުޖޫރަ ލިބެންޖެހޭނެ.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޒަމާނުއްސުރެ ނުވެއޮތް މިނިމަމް ވޭޖް ކަނޑައެޅިއްޖެ ކަމަށާއި، އެ ފައިސާ އަތަށް ލިބިއްޖެކަމަށެވެ. އަދި އޭގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް، ކުރިން ނުވި އެތައް ރަނގަޅެއް ވެއްޖެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މުސާރައިގެ ހެޔޮ ބަދަލުގެނެސް ޤާބިލް، އެކަށޭނަ ޕްރިންސިޕަލުންނާއި ޓީޗަރުން ލިބުމަށް އޮތް އެންމެބޮޑު ހުރަސް ވެސް ނައްތާލެވިއްޖެ ކަމަށް ވެސް ވިދާޅުވިއެވެ.

''ސަރުކާރުން ގެނައި މި އިންޤިލާބީ ހެޔޮ ބަދަލަކީ، ކޮންމެހެން ކުރަންޖެހި، ނުވެ އޮތް ކަމެއް. މުސާރައިގެ ހެޔޮ ބަދަލު ދެން އިރާދަކުރެއްވިއްޔާ، އެންމެ އަވަހަށް އަންނާނީ ޞިއްޙީ ދާއިރާއަށް.'' ރައީސް ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *