ހޮނިހިރު ދުވަހު ޣާޒާއަށް ކުރި ވިއްސާރައިގައި، ހާލުގައި ޖެހިފައިވާ މީހުން ދިރިއުޅެމުންދާ 70،000 ވުރެ ގިނަ ޓެންޓުގައި ފެންބޮޑުވެ، އެތައް އާއިލާއެއް ބޯހިޔާވަހިކަމެއް ނެތި މަގުމަތިވެއްޖެ އެވެ.

ފަލަސްޠީނުގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ޣާޒާއަށް ވެހުނު ބޯ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންގެ ހާލަތު ވަނީ އިތުރަށް ގޯސްވެފަ އެވެ.

Ad
rt

ވިއްސާރައިގެ ސަބަބުން ޓެންޓުތަކުގައި ފެންބޮޑުވުމުގެ އިތުރުން، ބަލިކަށިވެފައިވާ ފާރުތަކާއި ހަލާކުވެފައިވާ ފުރާޅުތައް ވެއްޓި ބައެއް މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ލިބުނު އަނިޔާތައް ވަރަށް ބޮޑު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހޮނިހިރާ ހަމައަށް ފަތިހު ފެށުނީއްސެ، ޣާޒާ ސިޓީއާއި މެދުތެރެއާއި އުތުރުގެ ސަރަހައްދުތަކުގައި ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި އެތައް އާއިލާއެއް ވަނީ ފެންބޮޑުވުމުގެ ސަބަބުން އެ ސަރަހައްދުތަކުން ފައިބަން މަޖުބޫރުވެފަ އެވެ. ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބައްސާލް ވިދާޅުވީ، ޓެންޓުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެހީއަށް އެދި ރޭގަނޑު އެކަނިވެސް 1،500 އަށްވުރެ ގިނަ ކޯލު ލިބިފައިވާ ކަމަށެވެ. އަދި އެ އިދާރާ ހިންގަމުންދަނީ "ކޮންމެހެން ބޭނުންވާ ސާމާނާއި އެއްވެސް ގާބިލުކަމެއް ނެތް" ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިވަނީ ބައިނަލްއަޤްވާމީ މުޖުތަމައަށާއި އިންސާނީ އެހީތވެދޭ ޖަމްޢިއްޔާތަކަށް، ޓެންޓުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެތައް ސަތޭކަ ބަހެއްގެ މީހުން ސަލާމަތް ކުރުމަށް ވަގުތުން އެހީތެރިވުމަށް ގޮވާލާފަ،" ބައްސާލް ވިދާޅުވި އެވެ.

"މި ތޫފާނުގެ ނަތީޖާއާ ކުރިމަތިލުމުގެ ޤާބިލުކަމެއް އަޅުގަނޑުމެންގެ ނެތް." އޭނާ އިތުރަށް ވިދާޅުވެފަވެއެވެ.

ޣާޒާގެ ހުޅަނގު ސަރަހައްދުގައި ޓެންޓެއްގައި އާއިލާއާއެކު ދިރިއުޅެމުންދާ 45 އަހަރުގެ މުޙައްމަދު އަލް-ހަރްޝް ބުނި ގޮތުގައި، ބާލީސްތަކާއި ގޮދަޑިތަކާއި ހުރިހާ ހެދުމެއް ވަނީ ފެނާ ތެމިފައި ކަމަށާއި އެމީހުންގެ ތަކުލީފުތައް ކޮންމެ ފިނި މޫސުމަކާ ދިމާކޮށް ތަކުރާރުވަމުންދާ ކަމަށެވެ. ދެއަރް އަލް-ބަލާހުގައި ދަރިންނާއެކު އުޅޭ 34 އަހަރުގެ މަރްޔަމް ޢުދައި ބުނީ، ދަރިން ރައްކާތެރިކުރާނެ ގޮތެއް މިހާރު ނޭނގޭ ކަމަށެވެ.

"ދަރިން އަހ ސުވާލުކުރޭ މިރޭ ނިދާނީ ކޮންތާކުހޭ، އަހަރެންގެ ކިބައިގާ އެއްވެސް ޖަވާބެއް ނެތް،" އޭނާ ކިޔައިދިނެވެ.

ހަމައެއާއެކު 41 އަހަރުގެ ޚާލިދު އަލް-ނައްޖާރު ބުނީ އޭނާގެ އާއިލާއަށް ބިރުގަންނަނީ ހަމައެކަނި ފެންބޮޑުވުން ނޫން ކަމަށާއި ފިނިގަދަވުމާއި ބަލިތައް ފެތުރިދާނެ ކަމުގެ ބިރުވެސް ބޮޑު ކަމަށެވެ.

"އަޅުގަނޑުމެންގެ ކުދިންނަށް ޓެންޓުތަކުގައި ފެންބޮޑުވުމުން ލިބޭ ގެއްލުމުގެ އިތުރުން، ފިނިގަދަވުމާއި ބަލިތައް ފެތުރިދާނެ ކަމުގެ ބިރު ވެސް އެބއޮތް،" އޭނާ ބުންޏެވެ.

ފަލަސްޠީނުގެ މަދަނީ ޖަމްޢިއްޔާތަކުގެ އިއްތިޙާދަކުން ނެރުނު ބަޔާނެއްގައިވަނީ، ބަލިތައް ފެތުރިދާނެ ނުރައްކަލަށް އަލިއަޅުވާލައި، "އެތައް ސަތޭކަ ހާސް ރައްޔިތުންގެ ފުރާނައަށް ނުރައްކާވަމުންދާ ކާރިސާ" އާމެދު އިންޒާރުދީފަ އެވެ. ގިނަ އަމިއްލަ ޖަމްޢިއްޔާތައް ހިމެނޭ މި އިއްތިޙާދުން ވަނީ އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީ ވެއްދުމަށް އިސްރާއީލަށް ބާރުއެޅުމަށް ގޮވާލާފަ އެވެ.

ހަމާސްއިން 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވީ ދުވަހު އިސްރާއީލުގެ ދެކުނަށް ދިން ހަމަލާއާ ގުޅިގެން ފެށުނު ދެ އަހަރު ދުވަހުގެ ހަނގުރާމައަށްފަހު، މިދިޔަ އަހަރުގެ އޮކްޓޯބަރު 10 ވަނަ ދުވަހު ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސްފަ އެވެ. މި އެއްބަސްވުމަކަށް އާދެވުނީ މިޞްރު، ޤަޠަރު އަދި އެމެރިކާގެ މެދުވެރިކަމުންނެވެ. ނަމަވެސް، ހަނގުރާމަ ހުއްލުމުގެ އެއްބަސްވުން އޮތް ނަމަވެސް، އިސްރާއީލު ސިފައިންދަނީ ކޮންމެ ދުވަހަކުހެން ވައިގެ ހަމަލާތަކާއި ބިމުގެ އޮޕަރޭޝަންތައް ހިންގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށް ބިންތަކާއި ގެދޮރު ފޭރެމުންނެވެ.

ޣާޒާ ސިޓީ ކައުންސިލްގެ މެންބަރެއް އަދި އިމަރޖެންސީ ކޮމިޓީގެ އޮފިޝަލެއް ކަމަށްވާ މުސްޠަފާ ޤައްޒާޠު ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން، ހާލުގައި ޖެހިފައިވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ރާވާ ގެތައް ވެއްދުމުގެ ހުއްދަ އިސްރާއީލުން ދީފައިނުވާ ކަމަށެވެ. އަދި ހުއްދަދީފައިވަނީ މަދު އަދަދެއްގެ ޓެންޓުތަކެއް ވެއްދުމަށް އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ޤައްޒާޠު ވިދާޅުވީ، ހާލުގައި ޖެހިފައިވާ މީހުންނަށް ކޮންމެހެން ބޭނުންވެފައިވަނީ 200،000 ޕްރެފެބްރިކޭޓެޑް ގެ ކަމަށެވެ. މީގެ އިތުރުން ހަލާކުވެފައިވާ ގެތަކާއި އިމާރާތްތަކުގެ ކުނިބުނި ނައްތާލުމަށާއި، މައި މަގުތައް ހުޅުވުމަށާއި، އަދި ކަރަންޓާއި ހޫނުކަން އަވަހަށް ފޯރުކޮށްދިނުމަށް ބަރު އާލާތްތައް ވެއްދުން ލާޒިމު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.