ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ސެމްސަންގުން، މަގުބޫލު ޕޮޕް ލަވަކިޔުންތެރިޔާ ނީނާ ޗޫބާއާ ގުޅިގެން ގެލެކްސީ ބަޑްސް4 ޕްރޯގެ ހާއްސަ އެޑިޝަނެއް ނެރެން ނިންމައިފިއެވެ.
މި އުފެއްދުމުގައި ހިމެނޭ ހާއްސަ ބްރޭސްލެޓުގައި، ރާއްޖެއަށް ނިސްބަތްކޮށް ކިޔާފައިވާ ލަވައެއް ރަމްޒުކޮށްދޭ ސިމްބަލެއް ވަނީ ހިމަނައިފައެވެ.
މުޅި ދުނިޔެއަށް ވެސް ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި ނެރޭ މި އިއާބަޑްސްގެ ވިއްކުމަށް ހަމަޖެހިފައިވަނީ އެންމެ 2،000 ޔުނިޓެވެ. މި ހާއްސަ ވާޝަން މިހާރު ޖަރުމަނުގެ އެމެޒޯން މެދުވެރިކޮށް ޕްރީ-އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ރަސްމީކޮށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
ނީނާ ޗޫބާގެ ހާއްސަ ފަރުމާއަކާއެކު ނެރޭ މި ގެލެކްސީ ބަޑްސް4 ޕްރޯ ނެރެނީ ހުދު ކުލައިގައެވެ. މީގެ ކޭސް ފަރުމާކޮށްފައިވަނީ ނީނާ ޗޫބާގެ ސްޓައިލުން އިންސްޕަޔާވެގެންނެވެ. މީގެއިތުރުން މި އުފެއްދުމުގެ ފޮށީގެ ތެރޭގައި ވިޔެފައިވާ ހާއްސަ ބްރޭސްލެޓެއް ހިމެނޭއިރު، އޭގައި އެލުވާފައިވާ ފަސް ޗާމް ނުވަތަ ސިމްބަލް ފެންނަން ހުންނާނެއެވެ.
މި ބްރޭސްލެޓުގައި ހިމެނޭ ކޮންމެ ޗާމަކީ ނީނާ ޗޫބާގެ މަޝްހޫރު ލަވައެއް ރަމްޒުކޮށްދޭ ބައެކެވެ. އެގޮތުން އޭނާގެ "މޯލްޑިވްސް" މި ލަވަ ރަމްޒުކޮށްދިނުމަށް މާމެއިޑެއްގެ ސިމްބަލެކެވެ. މީގެ އިތުރުން ސިމްބަލްތައް ހާއްސަކޮށްފައިވަނީ "އިފް ދިސް އިޒް ލަވް"، "ރޭޖް ގާލް" އާއި "އަންސޭފް" އަދި އިތުރު ލަވައެއް ހިމެނެއެވެ.
ސެމްސަންގުން ބުނި ގޮތުގައި، މި ތަފާތު ސިމްބަލްތަކާއެކު ނެރޭ މި ލިމިޓެޑް އެޑިޝަނަކީ ލަވަކިޔުންތެރިޔާގެ ސަޕޯޓަރުންނަށް ހާއްސަ، އަގުހުރި ހަނދާނީ އެއްޗަކަށް (ކަލެކްޓާސް އައިޓަމަކަށް) ވެގެންދާނެއެވެ. މި އުފެއްދުމުގެ އަގަކީ އާދައިގެ މޮޑެލްއާ އެއްވަރަށް 249 ޔޫރޯއެވެ. އެހެންކަމުން މިއީ އިތުރު އަގަކާ ނުލައި އާދައިގެ މޮޑެލްގެ އަގުގައި ލިބޭނެ އެއްޗެކެވެ.
ފަރުމާއަށް ބަދަލުތަކެއް ގެނެސްފައިވީ ނަމަވެސް، މި ލިމިޓެޑް އެޑިޝަންގެ ޓެކްނިކަލް ހުރިހާ ސްޕެސިފިކޭޝަންތަކާއި ފީޗާތައް އާދައިގެ ވާޝަނާ މުޅިން އެއްގޮތެވެ. ސެމްސަންގުން އެންމެ ފުރަތަމަ ގެލެކްސީ ބަޑްސް4 ޕްރޯ ބާޒާރަށް ނެރެފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު، އެ ކުންފުނީގެ ގެލެކްސީ އެސް26 ސީރީޒްގެ ސްމާޓްފޯނުތަކާ އެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!