ހއ. ދިއްދޫ ކައުންސިލްގެ "ހއ. ދިއްދޫ ވެޓެރަންސް ފުޓްބޯލް މުބާރާތް 2026" ގެ ޗެމްޕިއަންކަން ނާޑު ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
ނާޑު ސްޕޯޓްސް ކްލަބުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ، ފައިނަލްގައި ބާރަލާ އެސްސީއާ ބައްދަލުކޮށް، 0-4ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދިއްދޫ ކައުންސިލުން ހުށަހަޅާފައިވާ، 10،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި މެޑަލް މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ނާޑު ސްޕޯޓްސް ކްލަބާވަނީ ޙަވާލުކޮށްފައެވެ.
މީގެ އިތުރުން މުބާރާތުގެ ރަނަރއަޕް ޓީމު ކަމުގައިވާ ބާރަލާ އެސްސީއަށް، 5000 ރުފިޔާގެ ފައިސާގެ އިނާމާއި މެޑަލް މި ރަސްމިއްޔާތުގައި ދީފައިވެއެވެ.
އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ޝަރަފްވެރިކޮށްދެއްވި ފައިނަލް މެޗަށްފަހު، ކުލަގަދަކޮށް، ފާހަގަކޮށްފައިވާ މި ރަސްމިއްޔާތުގައި މި މުބާރާތުގެ ޚާއްސަ މަޤާމުތަކަށް ވެސް އެވޯޑް ދީފައިވެއެވެ.
އެ ގޮތުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ، ބާރަލާ އެސްސީގެ މުޙައްމަދު ނޫހެވެ. އަދި ބެސްޓް ކޯޗަކަށް ހޮވިފައިވަނީ، ނާޑު އެސްސީގެ އާދަމް ސަޢީދެވެ. ބެސްޓް ގޯލްކީޕަރަކަށް ބާރަލާ އެސްސީގެ އިބްރާހީމް ޙަމީދު ހޮވިފައިވާއިރު، ބެސްޓް ފޯވާޑްގެ މަޤާމު ހޯދާފައިވަނީ ނާޑް އެސްސީގެ މުޙައްމަދު ރަޝީދެވެ.
މީގެ އިތުރުން ބެސްޓް މިޑްފީލްޑަރަކަށް ނާޑް އެސްސީގެ އަޙްމަދު ޝަފީޤް ހޮވިފައިވާއިރު، ބެސްޓް ޑިފެންސް ޙާޞިލްކޮށްފައިވަނީ އެޓީމުގެ އާދަމް ޒުހައިރެވެ.
މި މުބާރާތުގެ އެންމެ ގިނަ ގޯލު ޖަހައިގެން ޓޮޕް ސްކޯރާގެ މަޤާމު ހޯދާފައިވަނީ ނާޑު އެސްސީގެ މުޙައްމަދު ރަޝީދެވެ. މި މުބާރާތުގައި އޭނާ ވަނީ ޖުމްލަ 8 ގޯލު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ފެއާޕްލޭ ޓީމަކަށް މިޑްލް ސްޕޯޓްސް ކްލަބް ހޮވިފައިވާއިރު، ފެއަރޕްލޭ ކުޅުންތެރިޔާގެ މަޤާމު ޙާޞިލްކޮށްފައިވަނީ ބްލެކިންހޯގެ އިބްރާހީމް މިހާދެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ ނާޑު އެސްސީގެ ޙުސައިން ވިޝާލެވެ.
ދިއްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި މި މުބާރާތަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!