ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ރޭޑިއޮގްރަފީ ކޯހާ ބެހޭ މައުލޫމާތު ދިނުމުގެ އޮންލައިން ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.
މާދަމާ ބާއްވާ މި ސެޝަނުގައި ބައިވެރިވާން މިހާރި ރަޖިސްޓްރީ ކުރެވޭނެއެވެ. އެގޮތުން https://forms.office.com/r/gVGnGFtaLC މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.
މި ސެޝަން ކުރިއަށްދާނީ ގޫގުލް މީޓް މެދިވެރިކޮށް މާދަމާ ރޭ 8:00 އިން 9:00 އަށެވެ.
އެސްޓީއޯއިން ވަނީ މިއަދު މި ކޯހުގެ މައުލޫމާތު ސެޝަނެއް އެ ކުންފުނީގެ ޓްރޭޑް ސެންޓަރުގައި ހުންނަ އެ ކުންފުނީގެ ޓްރެއިނިން އިންސްޓިޓިއުޝަންގައި ކުރިއަށް ގެންގޮސްފައެވެ. މި ސެޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯގެ ރޭޑިއޮގްރަފީ ކޯސް ފަށާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާ އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ އެ އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކޯހެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.
އޭލެވެލްގެ ސައިންސް ސްޓްރީމްގެ ދެ މާއްދާއިން ފާސްވެފައިވާ މީހުންނަށް ކޯހަށް ވަދެވޭނެއެވެ.، އެގޮތުން ފުރަތަމަ ބެޗުގައި ކޯހަށް ހޮވޭ 25 މީހުންގެ ކޯސް ފީ ހަމަޖައްސާނީ އެސްޓީއޯއިންނެވެ. މިއީ ލެވެލް 5، ޑިޕްލޮމާ ފެންވަރުގެ ކޯހެކެވެ. މި ކޯހުގެ މުއްދަތަކީ 2 އަހަރާއި 6 މަސް ދުވަހެވެ.
އެސްޓީއޯއިން ބުނީ ކޯހުގެ ކިޔެވުން ކުރިއަށްދާނީ 2 އަހަރަށް ކަމަށާއި އިންޓާންޝިޕް މުއްދަތަކީ 6 މަސް ކަމަށެވެ. އިންޓާންޝިޕް ދިނުމަށް އޭޑީކޭ ހޮސްޕިޓަލާއެކު އެސްޓީއޯއިން ވަނީ ސޮއި ކޮށްފައެވެ.
ރޭޑިއޮގްރަފީ ކޯހުގެ ކިޔެވުން ކުރިޔަށް ގެންދާނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި 2019 އަހަރު ރަޖިސްޓަރީ ކުރެވުނު އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓް އަދި 2021 ވަނަ އަހަރުގެ ޖޫންމަހު ހުޅުވި އެސްޓީއޯ ޖީއީ ސްކިލް ލެބުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!