އިއްޔެ ގަލޮޅު ދަނޑުގައި ޔޯގާ ޑޭ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ހިނގައިދިޔަ ހަމަނުޖެހުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ފުލުހުންނަށް ފާޑު ކިޔައިފިއެވެ.

ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވި ހަރަކާތް ހުއްޓުވުމަށް އެތަނަށް ބަޔަކު ވަނީ ގަދަކަމުން ވަދެގަނެފައެވެ. ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ދަނޑަށް ވަން ބަޔަކު މުޅި ތަނުގައި ދުވެ ހަޅޭއްލަވާ މީހުންނަށް އަނިޔާވެސް ކޮށްފައިވާ މަންޒަރު ފެނުނެވެ. އެ ހަމަލާގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ މީހުން އެތަނަށް ވަދެގަތީ ބޭރުގައި މުޒާހަރާ ކުރާތާ އިރުގަނޑަކަށް ފަހު، ފުލުހުން ފޫ އަޅުވާލާފައެވެ.

Ad
rt

އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ހަމަނުޖެހުން ހިނގަން ފުރުސަތު ލިބިގެން ދިޔައީ ސަލާމަތީ ކަންތައްތައް ދޯހަޅިވުމުން ކަމަށެވެ. އަދި މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި މިއަށްވުރެ ހަރުދަނާ އުސޫލުތަކެއް ޤާއިމްވެފައި އޮތުން މުހިންމު ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

މި މައްސަލާގައި މިހާތަނަށް 9 މީހަކު ހައްޔަރުކޮށްފައިވާއިރު އޭޣެ ތެރެއިން 4 މީހުން ވަނީ ދެ މަހަށް ބަންދުކޮށްފައެވެ. އަދި ދެ މީހަކު 5 ދުވަހަށް ބަންދުކުރި އިރު ދެން ތިބި 3 މީހުން ހައްޔަރުކުރީ މިއަދުގެ ވަގުތެއްގައެވެ.

މީގެ އިތުރަށް މި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ފުލުހުންގެ އިންޓާނަލް ތަހިގީގެއް ވެސް އަންނަނީ ކުރަމުންނެވެ.