ފިޔާ ބަރުކޮށްގެން ރާއްޖެއަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުން އެހެން ބޯޓަކަށް ނަގައިފިއެވެ.
ފިޔާ ބަރުކޮށްގެން އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ "އެމްއެސްވީ އާކް އޮފް ގޯޑް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓްގައި ތިބި މީހުން ކަނޑުވެފައި ތިއްބިކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު މެންދުރު 13:10 ހާއިރުއެވެ.
އެބޯޓު އަޑިއަށްދިޔައިރު، އޭގައި 9 މީހުން ތިބިކަމުގެ މަޢުލޫމާތު ލިބިފައިވާއިރު މި 9 މީހުން ކަނޑުވެފައި ތިއްބައި، ނަގާފައިވަނީ މާލެއިން ފުރައިގެން އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ދަތުރުކުރަމުންދިޔަ ރާއްޖޭގެ ބޯޓެއް ކަމުގައިވާ "ވީބީ ޕްރޮގްރެސް" ނަމަކަށް ކިޔާ ބޯޓަކަށެވެ.
މިހާރު މި ބޯޓު ދަތުރުކުރަމުންދަނީ ކަނޑުމަތިން ނެގި މީހުންނާއެކު އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ވަނުމަށެވެ. މިބޯޓާއެކު، އިންޑިއާ ކޯސްޓްގާޑުގެ އުޅަނދެއް ދަނީ ހަރަކާތްތެރިވަމުން ކަން ފާހަގަކޮށްލެވެއެވެ.
މިވަގުތު ކަނޑުވި 9 މީހުންގެ ހާލު ރަނގަޅު ކަމަށް މަޢުލޫމާތު ލިބިފާވާއިރު މި މީހުންނާ ބެހޭ އިތުރު މަޢުލޫމާތު އަދި ލިބިފައެއް ނުވެއެވެ. އަދި މި ބޯޓު އަޑިއަށްދިޔަ ވަކި ސަރަޙައްދެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!