ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ ގޮތުން ސްޕެއިންގެ ކްލަބެއް ކަމަށްވާ ސެލްޓަ ވީގޯ އާއެކު ހަދާ އެއްބަސްވުމުގެ ދަށުން އެ ކްލަބްގެ ޖޯޒީގައި “ވިޒިޓް މޯލްޑިވްސް” ގެ އިސްތިހާރު ޖެހުމަށް ހަމަޖެހިއްޖެއެވެ.
އެގޮތުން ސެލްޓަ ވީގޯގެ ޖާޒީގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާ މިސްޕޮންސަރ ޖަހައިގެން ކުޅޭ ފުރަތަމަ މެޗަކީ ނޮވެމްބަރ 10 ވަނަ ދުވަހު ބާސެލޯނާ އާ ދެކޮޅަށް ބާސެލޯނާގެ ދަނޑުގައި ކުޅޭ މެޗް ކަމަށް ގައުމީ ޓީމްގެ ކަންކަމުގައި ލަފާދިނުމަށް އެފްއޭއެމުން އެކުލަވާލި ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.
ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ހަދާ މިއެއްބަސްވުމުގައި ސެލްޓަ ވީގޯ އާއިއެކު ސޮއި ކުރެއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.
ނޮވެމްބަރ 4 ވަނަ ދުވަހު މި އެއްބަސްވުމާ ގުޅޭ ގޮތުން ބައިނަލް އަގްވާމީ ނިއުސް ކޮންފަރެންސްއެއް ސްޕެއިންގައި ބާއްވަން ނިންމައިފައިވާކަމަށް ގައުމީ ޓީމުގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.އަދި މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ފުޓްބޯޅައަށްވެސް ކުރިއެރުން ލިބޭނެ މަސައްކަތްތަކެއް ކުރެވޭނެ ކަމަށްވެސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ސެލްޓަ ވީގޯ އިން އެހީތެރިވެދެއްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ސެލްޓަ ވީގޯގެ ޕްރެކްޓިސް ކިޓްގައިވެސް ރާއްޖޭގެ އިސްތިހާރު ޖަހާއިރު ސެލްޓަ ވީގޯގެ ހޯމް ސްޓޭޑިއަމްގައި ރާއްޖެ އިސްތިހާރު ކުރެވޭނެއެވެ. މިއީ 29،000 މީހުންނަށް ކުޅިބަލަން ވަދެވޭ ސްޓޭޑިއަމް އެކެވެ.
ސްޕެނިސް ލީގުގައި ވާދަކުރާ ސެލްޓަ ވީގޯ އަކީ ލީގުގެ 17 ވަނައިގައި އޮތް ޓީމެވެ. އެޓީމުން ސްޕެނިޝް ލީގުގައި މިހާތަނަށް 9 މެޗު ކުޅެފައިވާއިރު ލިބިފައިވަނީވެސް 9 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!