ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން "ތުއްތު ދަރިފުޅު" ގެ ނަމުގައި ކުޑަކުދިންނާ ގުޅުންހުރި ފޮތެއް އިފްތިތާހު ކޮށްފިއެވެ.
މި ފޮތަކީ ކުޑަދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްވަރު ދިމާވެދާނެ ކަންތައްތަކާއި، އަދި އެކަންތައްތަކާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ މުއަލޫމާތު އެކުލެވޭނެހެން، އާއިލާތަކުގެ ހޭލުންތެރިކަން އިތުރުކޮށްދިނުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ފޮތެކެވެ. އެގޮތުން ހޮސްޕިޓަލުގައި ތުއްތު ދަރިފުޅު އުފަންވާ ވަގުތު ދެވޭ ފަރުވާއިން ފެށިގެން، ހޮސްޕިޓަލުން ދޫކޮއްލުމަށްފަހު ދަރިފުޅު ގެންގުޅުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން މި ފޮތުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ތުއްތު ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ 100 ދުވަހަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ މި ފޮތުގައި، ދަރިފުޅަށް ގާތުން ދިނުމާއި ބެހޭގޮތުން އެންގެންޖެހޭ މުހިއްމު މައުލޫމާތުތައް އަދި ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހެދިބޮޑުވުމަށް އަންނާނެ ތޮބީއީ ބަދަލުތަކުގެ ތަފްސީލު ވަނީ ހިމަނައިފައެވެ. އަދި ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހަށިގަނޑު ތަޖުރިބާ ކުރާނެ ކަންތައްތަކާއި އަދި މި ކަންކަމުގައި އާއިލާއިން ކަންކުރަންވީ ގޮތް ވަނީ ކިޔައިދީފައެވެ.
މީގެ އިތުރުން ތުއްތު ދަރިފުޅުގެ ސިއްހަތާ ދުޅަހެޔޮކަން މަންމަގެ ދުޅަހެޔޮކަމާ ވަރަށް ގާތްކޮށް ގުޅި ލާމެހިފައިވާތީ މަންމަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ސަމާލުކަން ދޭންވީ ކަންކަންވެސް މި ފޮތުގައި ވަނީ ހިމަނައިފައެވެ.
ޑރ. އަބްދުﷲ ނިޔާފް ގެ އެހީތެރިކަމާއެކު ތައްޔާރު ކުރެވިފައިވާ މި ފޮތުގައި، އަލައް އުފަންވާ ދަރިފުޅުގެ އާއިލާއިން އާއްމު ކޮށް ކުރާ ސުވާލު ތަކާއި، އާއިލާތަކުން ސުވާލު އުފެދިދާނެކަމަށް ލަފާ ކުރެވޭ ވަރަށް ގިނަ ސުވާލާއި މި ސުވާލުތަކުގެ ޖަވާބު ވެސް ހިމެނެއެވެ.
"ތުއްތު ދަރިފުޅު" ނަމުގައި އެސްޓީއޯއިން މިއަދު ތައާރަފު ކުރި ފޮތުގެ އެހީގައި ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްކޮޅުގައި ލިބެންޖެހޭ އެންމެ ފުރިހަމަ އަޅާލުން ދިނުމަށް އެކަށީގެންވާ މައުލޫމާތު އާއިލާތަކަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކުރިއަށް އޮތްތަނުގައި، އަލަށް އުފަންވާ ކުދިންނަށް ދެވޭ ހަދިޔާ ގެ ތެރޭގައި "ތުއްތު ދަރިފުޅު" ފޮތް ހިމެނޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!