ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުޙުމަތުގައި އައްޑޫ ސިޓީން ހައްޔަރުކުރި 57 އަހަރުގެ މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމުމުން ދޫކޮށްލައިފި އެވެ.

އައްޑޫ ސިޓީ ހިތަދޫގައި އުމުރުން 06 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމުމާ ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، މިމައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާ ވަޒަންކުރުމަށްފަހު، ޖިނާއީ ދައުވާއެއް ކޮށްގެން ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާކަމަށް ބަޔާންކުރައްވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު މައްސަލަ ވަނީ އަނބުރާ ފޮނުއްވާފައިކަމަށެވެ. އެހެންކަމުން، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުގައި ހުރި މީހާ ވަނީ މިރޭ ބަންދުން ދޫކޮށްލާފައިކަމަށެވެ.

Ad
rt

އުމުރުން ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 23 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާކަމަށާއި މިމައްސަލައާ ގުޅިގެން އުމުރުން 57 އަހަރުގެ ދިވެހި އަންހެނަކު 24 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވެއެވެ.

މިމައްސަލަ ހުށަހެޅުމާއެކު، ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރިއަށް ގެންގޮސް، މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ އެންމެހާ ފަރާތްތަކާ ސުވާލުކޮށް، ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ކޮށްފައިވާކަމަށާއި މި މައްސަލައިގެ ތަހުގީގުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދާފައިވާ އެންމެހާ ހެއްކާއި ގަރީނާ، އަދި މައްސަލައާ ގުޅުންހުރި އެންމެހާ ލިޔެކިޔުންތަކާއެކު، ޖިނާއީ ދައުވާއެއް ކުރުމާމެދު ގޮތެއް ނިންމަވައިދެއްވުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ އިއްޔެ ކަމަށް އެނޫސްބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައިގެ ތަހުގީގަށް ލިބުނު ހުރިހާ މައުލޫމާތެއްގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދުމަށް މި މައްސަލައިގެ ތަހުގީގުގައި ފުލުހުން މަސައްކަތްކޮށްފައި ވާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކުރި މީހާ ފިޔަވާ އިތުރު މީހެއް ނުވަތަ ބައެއްގެ މައްޗަށް ތުހުމަތުކުރެވޭ ވަރުގެ އެކަށީގެންވާ ހެއްކެއް ނުވަތަ ގަރީނާއެއް ތަހުގީގަށް ލިބިފައެއް ނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.