ހަނގުރާމައެއް ނުވަތަ އަސްކަރީ އޮޕަރޭޝަނެއް ކުރިއަށްދާއިރު އަރަމުންދާ ހިރަފުސްތަކުން ހަގީގީ މަންޒަރު ހަމަ ލޮލަށް ނުފެނިދާނެއެވެ.
ހަނގުރާމައިގެ މޮޅާއި ދެރަ، ކާމިޔާބާއި ނާކާމިޔާބު އެނގޭނީ ހަނގުރާމަ ނިމުނީމައެވެ. ނަމަވެސް ހަނގުރާމައެއް ހިނގަމުންދާއިރު ވެސް އެނގޭނެ ކަންތައްތަކެއް ހުންނާނެއެވެ. ލިބިގަނެވިދާނެ ޢިބުރަތްތަކަކާއި ހޯދިދާނެ ފިލާވަޅުތަކެއް ހުންނާނެއެވެ.
1. ޔޫކްރެއިނަކީ މިނިވަން މުސްތަޤިއްލު ޤައުމެކެވެ. ރަޝިއާއިން ވެސް އެކަމަށް ވަނީ އިޢުތިރާފު ވެފައެވެ. އެކަމަކު ޔޫކްރެއިނަކަށް ބޭނުން ބަޔަކާ ގުޅުން ބަދަހިކުރެވޭކަށް ނެތެވެ. ބޭނުން ޖަމާޢަތަކާ ގުޅެވޭކަށް ނެތެވެ. ދުވަހަކު ވެސް ނޭޓޯގެ މެންބަރަކަށް ވާކަށް ރަޝިއާއަކުން ގަބޫލެއް ނުވެއެވެ.
ސިޔާދަތީ ބާރު ލިބިގެންވާ މިނިވަން ޤައުމަކަސް ރަޝިއާއިން ނޭދޭ ގޮތަކަށް ޔޫކްރެއިންގެ ސިޔާސަތު ބައްޓަން ކުރެވޭކަށް ނެތެވެ. "ރަޝިއާ ނުރުހޭ ގޮތަކަށް ޔޫކްރެއިނުގެ ސިޔާސަތު ބައްޓަންކުރާނަމަ ވާނެގޮތަކީ މިއީއޭ" މި ހަނގުރާމައިން ބުނެދޭން އުޅޭ ކަހަލައެވެ.
2. ރަޝިއާގެ އަސްކަރީ ފައުޖުތައް ޔޫކްރެއިނަށް އަރައި ޤައުމު ސުންނާފަތިކުރަނީއެވެ. ޔޫކްރެއިނުގެ ރައްޔިތުން ޤައުމު ދިފާޢުކުރެވޭތޯ ވަރަށް ބޮޑަށް ހިތްވަރު އެބަކުރެއެވެ. އެހީވާނެކަމަށް ބުނި މީހުން ތިބީއެވެ. އެތައް ބަޔަކު މަރުވެއްޖެއެވެ. އޭގެތެރޭގައި އެތައް ކުޑަކުދިންނެއް ހިމެނެއެވެ. އިމާރާތްތަކާއި މަގުތައް ސުންނާފަތި ވެއްޖެއެވެ. ގިނަ ރައްޔިތުންތަކެއް ރެފިއުޖީންނަށް ވެއްޖެއެވެ.
މިކަމުން ލިބޭ ފިލާވަޅަކީ ދުނިޔޭގައި އަދިވެސް އޮތީ"ކުދި ޤައުމުތަކަށް ކުޑަ އިންސާފު، ބޮޑެތި ޤައުމުތަކަށް ބޮޑު އިންސާފު" ކަމެވެ.
3. ޔޫކްރެއިނާއި ރަޝިއާގެ މަޝްރަޙު ގޯސްވަމުން ދިޔައިރު އެމެރިކާއާއި ހުޅަނގުގެ ބޮޑެތި ބާރުތަކުން ދިން ޔަގީން ކަމަކީ އަސްކަރީ ހަމަލާއެއް ރަޝިއާއިން ދީފިނަމަ ވަގުތުން ޔޫކްރެއިންގެ ދިފާޢުގައި ތެދުވާނެކަމެވެ. ރަޝިއާއަށް ވަރުގަދަ ފިލާވަޅެއް ދޭނެކަމަށް ވެސް ބުންޏެވެ. ޔޫކްރެއިނަށާއި ދުނިޔެއަށް ވެސް ހީވީ ރަޝިއާއިން ހަމަލާދީފިނަމަ އެމެރިކާއާއި ނޭޓޯއިން ހަނގުރާމައަށް ވަންނާނެ ކަމަށެވެ. އެކަމަކު ހަނގުރާމަ ފެށުމުން އެމެރިކާއާއި ނޭޓޯއިން ވެސް ވަނީ އެކަމަށް ފަސްޖެހިފައެވެ. އަދި ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ނުކުރާނެކަން ވަނީ ފާޅުގައި ބުނެފައެވެ.
ފިލާވަޅަކީ ޤައުމީ ސަލާމަތަށް އެ ޤައުމަކުން ނުވިސްނާވަރަކުން ދެން ވިސްނާނެ އެހެން ޤައުމެއް އަދި އެހެން ބައެއްވެސް ނޯންނާނެކަމެވެ.
4. ރަޝިއާއިން ޔޫކްރެއިނަށް އަރައިގަތުމުން މުޅި ދުނިޔެއިން ކަހަލަ ގޮތަކަށް ރަޝިއާގެ ޢަމަލުތައް ކުށްވެރި ކުރެއެވެ. އދ. ގެ އާންމު މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތުން ރަޝިއާގެ ޢަމަލުތައް ކުށްވެރިކޮށްފިއެވެ.
އެކަމަކު އެއީ ދުނިޔޭގެ ޤައުމުތަކުގެ ވިސްނުން ހުރި ނެތް ގޮތް އެނގުން ފިޔަވައި އެހެންކަމެއްވާ ވޯޓަކަށް ނުވެއެވެ. އިޒުރޭލާ ދެކޮޅަށް ފާސްކުރި އެފަދަ އެތައް ގަރާރެއް ވެސް އެހެރީއެވެ. އެއީ ހުސް ކަރުދާސް ފަދައެވެ.
4. ރަޝިއާއާ ދެކޮޅަށް ވަރަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް ގިނަ ޤައުމުތަކަކުން އަޅައިފިއެވެ. އެކަމަކު އެ ފިޔަވަޅުތަކުން، އެހެން ޤައުމުތަކަށް ވެސް ގެއްލުން ލިބޭނެއެވެ. ރަޝިއާއިން ބުނަނީ އެ ޤައުމަށް އެ ފިޔަވަޅުތަކަކީ މާބޮޑެތި ކަންކަން ނޫން ކަމަށެވެ. ގިނަ ފަހަރަށް ބޮޑެތި ޤައުމުތަކާ ދެކޮޅަށް އަޅާ މިކަހަލަ ފިޔަވަޅުތައް ވަނީ ވަގުތީ ކަންކަމަށެވެ. ފިޔަވަޅު އެޅިއަސް ސިއްރުން ގުޅުންތައް ހިންގައިހަދައެވެ.
އެ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރަށްވުރެ ކަމާނުބެހި ދުރުގައި އޮންނަ ކުދި އަދި ފުދުންތެރިކަން ކުޑަ ޤައުމުތަކަށް ލިބޭ ގެއްލުން މާބޮޑުއެވެ. ތެލާއި ހަކަތައިގެ އަގު ބޮޑުވުމާއި ދުނިޔޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރުން މީގެތެރޭގައި ހިމެނެއެވެ.
6. ހަނގުރާމައިގައި އެމެރިކާއަކީ ޔޫކުރެއިނަށް އެންމެ ހެޔޮއެދޭ ވާގިވެރިޔާއޭ ހީވެއެވެ. އެހެން ހީކޮށްގެން ތިއްބާ ރަޝިއާއިން ޔޫކްރެއިނަށްދޭ ހަމަލާތައް ދުރާލައި އެމެރިކާއާ ހިއްސާކުރާކަން ވަނީ ފަޅާއަރާފައެވެ.
7. އދ. އާންމު މަޖިލިހުގައި ވަކި ކޮޅަކަށް ވޯޓްނުދިން ޗައިނާއާއި އިންޑިއާފަދަ ޤައުމުތަކާމެދު އެމެރިކާއިން ވަނީ ހިތްހަމަ ނުޖެހިފައެވެ. ރަޝިއާ އާ ދެކޮޅަށް ވޯޓު ނުދިނުމަކީ އެ ޤައުމުތަކުން ރަޝިއާގެ ސިޔާސަތަށް ތާޢީދުކުރުންކަމަށް ވެއްޖެއެވެ.
މީގެ ކޮންމެ ކަމަކުން ވެސް ލިބޭ ފިލާވަޅަކީ ކޮންމެ ޤައުމަކުން ވެސް އިސްކުރަނީ އެ ޤައުމެއްގެ މަސްލަހަތުކަމެވެ. އަނިޔާއާއި ބޭއިންސާފުގެ ކުރިމަތީގައި ކަމެއް ނުކުރެވޭތާ ޙައްޤުބަހެއް ބުނެލަން ވެސް ކެރެނީ މަދު ބަޔަކަށެވެ.
8. ޔޫކްރެއިނުގެ ރައީސާއި ރައްޔިތުންނަކީ ވަރަށް ވަޠަނީ ރޫޙު ވަރުގަދަ ބައެއްކަން މި ހަނގުރާމައިން ދަނީ ސާބިތުވަމުންނެވެ. އަޅާ ނުކިޔޭވަރުގެ ވަރުގަދަ ބޮޑު އަސްކަރީ ބާރަކާ ދެކޮޅަށް އެ ޤައުމުން އެ ދައްކާ ހިތްވަރަކީ ވަރަށް އަގުހުރި ފިލާވަޅެކެވެ.
ކިތަންމެ ބިޔަ ބޮޑު ބާރަކާ ދެކޮޅަށް ވެސް ޤައުމުގެ ދިފާޢުގައި ތެދުވެ ހިތްވަރާއި ޢަޒުމާއެކު ހަނގުރާމަ ކޮށްފިނަމަ އެ ބަޔަކު ބޭނުންހާ އެއްޗެއް ހަދާލާކަށް ފަސޭހައެއް ނުވާނެއެވެ.
ޔޫކްރެއިން ހަނގުރާމަ ކަހަލަ ހަނގުރާމަ ތަކުގައި ޤައުމުގެ ވެރިޔާ ފިއްލެވުމުން ޔޫކްރެއިންގެ ރައީސަށް ތަޢުރީފު ކޮށްކޮށް ތިއްބައި އަޑުއަރައިގެން ދިޔައީ އެމަނިކުފާނު ހުންނެވީ ޤައުމުގައި ނޫންކަމަށެވެ. އެކަމަކު އެކަން ޔޫކްރޭނުން ދޮގުކުރެއެވެ.
8. ބާރު ގަދަ ޤައުމުތަކުން އެ ޤައުމުތަކުގެ މަސްލަހަތުތަކުގެ ކުރިމަތީގައި އެއަށްވުރެ ނިކަމެތި އަދި އަމުދުން އަސްކަރީ ގޮތުން ބާރެއްނެތް ޤައުމުތަކަށް ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެއެވެ. އެ ޤައުމުތަކުން ހަމައެކަނި ވިސްނަނީ އެ ޤައުމުތަކުގެ މަސްލަހަތަށެވެ.
އަވަށްޓެރި ޤައުމުތަކާމެދުގައި ހަރުކަށިކަމާއި ގޮތްދޫނުކުރުމާއި ރުޅިއާއި ނަފުރަތުގެ އަލިފާންގަނޑުތައް ރޯކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ކުދި ޤައުމުތަކުން ފުރަތަމަ އިސްކުރަން އޮންނާނީ ޑިޕްލޮމަސީއެވެ. ދެން ވެސް ޑިޕްލޮމަސީއެވެ. ދެން ވެސް ޑިޕްލޮމަސީއެވެ. ބާރު ގަދަ ޤައުމުތަކުން ބަހަނާއެއް ދެއްކުމަށްފަހު ނަގަނީ ހަތިޔާރަށް ވާތީއެވެ.
9. ޔޫކްރެއިނަށް މި ހާލަތު ކުރިމަތިވީ ހަމައެކަނި ރިޔާސަތަށް އައި ބަދަލާއި ސިޔާސަތަށް ގެނައި ބަދަލުން އެކަންޏެއް ނޫނެވެ. ސިޔާސަތު ބައްޓަން ކުރުމުގައި އެހެން ޤައުމުތަކަށް ބަރޯސާވުން ބޮޑުވެގެންނާ ވެސް އެކުގައެވެ.
ކޮންމެވެސް އެއް ބައެއްގެ ގޮޑިކޮއްކޮ ސަރުކާރުތަކަކަށް ޔޫކްރެއިނުގައި އިންތިޚާބުވާ ސަރުކާރުތައް ވާން ފެށުމުންނެވެ. ކުރިން އޮތީ ރަޝިއާގެ ގޮޑިކޮއްކޮ ސަރުކާރެކޭ ބުނެވެއެވެ. މިހާރު އޮތީ އެމެރިކާއާއި ހުޅަނގުގެ ގޮޑިކޮއްކޮ ސަރުކާރެކޭ ބުނެވެއެވެ.
10. ރަޝިއާގެ ސިފައިންނާއި ހަތިޔާރުތައް ޔޫކްރެއިން ބޯޑަރަށް ޖަމާކުރަމުން އަސްކަރީ ފަރިތަކުރުންތައް ކުރިއަށް ގެންދިޔައިރު އެމެރިކާއިން ބުނަމުން ދިޔައީ ރަޝިއާއިން ޔޫކްރެއިނަށް ހަމަލާ ދޭނެކަމަށެވެ. ރަޝިއާއިން އެކަން އޭރު ދޮގުކުރިއެވެ. ސިފައިން ފަހަތަށް ޖައްސާކަމަށް ވެސް ބުންޏެވެ. އެކަމަކު އެމެރިކާއިން ބުނަމުންދިޔަ ގޮތަށް ހަމަލާ ދޭން ފެށިއެވެ.
ރަޝިއާއިން މިކަމުގައި ހެދީ ވަރަށް ބޮޑު ދޮގެއްކަން މިވަނީ އެނގިފައެވެ. ހަނގުރާމައެއްގައި އެއްވެސް ބަޔަކު ތެދެއް ނަހަދާނެއެވެ. މަޢުލޫމަތު ފަތުރަނީ ހުޅަނގުގެ ބާރުގަދަ މީޑިއާ ތަކުންނެވެ. އެ ޚަބަރުތަކުގައި ގިނައިން ހުންނާނީ އެވެރިންގެ މޮޅު ވާހަކައެވެ. ޕްރޮޕެގެންޑާ ވެސް ފަތުރާނެއެވެ. އެކަން ރޭކާ ނުލާނީ އަޅުގަނޑުމެން ދުރުތިބީންނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!