ކޮމަންޑޫ ދާއިރާއިން މާދަމާ ނިންމާ ނިންމުން ވަނީ ރާއްޖޭގެ އަޅުވެތިކަމާއި، ވަތަނާއި، ދީނުގެ ހިމާޔަތާއި ގުޅިފައިވާ ނިންމުމެއް ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޓްވީޓާ މެދުވެރިކޮށް ޝުއޫރުފާޅު ކުރައްވަމުން މިހާރު ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތްކުރަށްވާ ލަތީފް ވިދާޅުވީ، މާދަމާ ކޮމަންޑޫ ދާއިރާ ރައްޔިތުންގެ ނިންމުން ވަނީ މުޅި ރާއްޖޭގެ ރައްޔިތުންގެ އުންމީދާ ގުޅިފައިކަމަށެވެ.

Ad
rt

"އެއީ އަޅުވެތިކަމާ، ވަތަނާއި، އިސްލާމް ދީނުގެ ހިމާޔަތާ ގުޅިފައިވާ ނިންމުމެއް، މާއްދިއްޔަތަށް ނުހެއްލި، ކޮރަޕްޝަނާ ފަސާދައަށް ނޫނެކޭ ބުނުމަށް ފަތުހީއަށް ވޯޓު ދެއްވާ" ލަތީފް ވިދާޅުވެފަވެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގައި ވާދަކުރަށްވާ ކެންޑިޑޭޓް، ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމާއި ގުޅޭގޮތުން ލަތީފް ވިދާޅުވީ، ފަތުހީއަކީ ގައުމާއި، އިސްލާމް ދީން ދެކެ ލޯބިވާ ބޭފުޅެއް ކަމަށެވެ.

"ފަތުހީއަކީ ގައުމާއި އިސްލާމް ދީން ދެކެ ލޯބިވާ ބޭފުޅެއް. ކޮމަންޑޫ ދާއިރާއިން އުފަންވި އިލްމީ ގާބިލު ދަރިއެއް. ގައުމުގެ އަޑު އިއްވަން ފަތުހީ ޚިޔާރުކުރައްވާ" ލަތީފް ވިދާޅުވެފަވެއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބު ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާއިރު، މިއަދު ހަވީރު 6:00ގެ ނިޔަލަށް ކެމްޕޭން ހަރަކާތްތައް ހުއްޓާލަން ޖެހޭނެއެވެ.

އެ ދާއިރާއަށް މެންބަރަކު އިންތިޚާބުކުރުމަށް ނަގާ ވޯޓު ނެގުން އޮންނާނީ މާދަމާއެވެ.