ހަނދާންވާން ފެށިއިރު ވެސް ރަށުގައި ބޯގަންވިލާ ހުރެއެވެ. ނަމަވެސް އޭރު އެއީ އެހާ އާންމު މާ ގަހެއް ނޫނެވެ. ހާއްސަކޮށް ތަފާތު ކުލަކުލައިގެ ބޯގަންވިލާ އޭރު ރަށުގައި ނުހުރެއެވެ. ފެންނަނީ ހަމައެކަނި އެއް ކުލައެއް ނުވަތަ ދެ ކުލައެކެވެ.
މަދު ގެއެއްގެ ދޮރޯށި މައްޗަށް ބޯގަންވިލާ އަރުވާފައި އޮންނާތީ ފެނެއެވެ. އުމުރުން ދުވަސްވީ ބައެއް މީހުން އޭރު ބުނާތީ އަޑު އިވެއެވެ. ބޯގަންވިލާ ގަހަކީ ވަރަށް ނާމާން ގަހެކެވެ. އެއީ އެ ދުވަސްވަރުގެ ވަރަށް ގިނަ މީހުންގެ ޤަބޫލް ކުރުމެކެވެ. ވުމާއެކު އެއީ އެ ދުވަސްވަރު ރަށުގައި ބޯގަންވިލާ މަދުވާން ދިމާވި ސަބަބެއް ކަމުގައި ވެދާނެއެވެ.

ގޯތިތެރޭގައި އޮންނަ ހުސް ޖާގައިގައި ގަސް ހެއްދުމަކީ ރަށު މީހުން ކޮށްއުޅޭ ކަމެކެވެ. ބައެއް މީހުން މޭވާއާއި ތަރުކާރީ ލިބޭ ގަސްތަކެވެ. އަނެއްބަޔަކު ތަފާތު ކުލަކުލައިގެ މާ އަޅާ ބަގީޗާ ގަސްތަކެވެ. އަނެއްބަޔަކު މި ދެވައްތަރުގެ ގަސްތައް ވެސް ހައްދައެވެ.
ނަމަވެސް ފާއިތުވި ދެ އަހަރަކީ ގޯތިތެރޭގައި އޮންނަ ހުސްޖާގައި ގައްޔާއި ޕޮޓުތަކުގައި ގަސް އިންދާ ހެއްދުމަށް އިންގިލާބެއް އައި ދެ އަހަރެވެ. ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ގޭގައި ގިނަވަގުތު ތިބެން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން، ގިނަބަޔަކު ގޭގައި ތަފާތު ގަސްތައް ހެއްދުމަށް އެ ވަގުތުގެ ބޭނުން ހިފިއެވެ. ހިތްހަމަ ޖެއްސުމަށެވެ. އަނެއް ބަޔަކު ވިޔަފާރިއަށެވެ. އެކަން މި ރަށުގައި ވެސް ފެންނާން އޮތީ ހަމަ އެ ގޮތަށެވެ.

މާ ގަސް އިންދުމަށް ލޯބިކުރި މީހުން މާ ގަސް ހެއްދި ނަމަވެސް އެންމެ ބޮޑަށް އަޅައިގަތް އެއް ކަމަކީ އާދަޔާ ޚިލާފަށް ބޯގަންވިލާ ހައްދަން ލޯބިކޮށް އެ ހެއްދި މީހުން އިތުރު ވެގެންދިޔަކަމެވެ. ނަތީޖާއެއްގެ ގޮތުން މީގެކުރިން ރަށުން ދުވަހަކު ނުފެންނަ އެތައް ކުލައެއްގެ އެތައް ވައްތަރެއްގެ ބޯގަންވިލާ ގަސްތައް ތަޢާރަފްވެގެން ދިޔައެވެ.

އަހަރުތަކެއް ފަހަތަށް ޖެހިލާއިރު ރަށުތެރެއިން ހަމައެކަނި ފެންނަނީ ގަދަ ފިޔާތޮށި ކުލަ ނުވަތަ އެއަށްވުރެ ތަންކޮޅެއް މަޑު ފިޔާތޮށި ކުލައިގެ ބޯގަންވިލާ އެކަންޏެވެ. ނަމަވެސް މިހާރުގެ ހާލަތު ބޮޑުތަނުން ތަފާތެވެ. މިހާރު ބޯގަންވިލާގެ ގަދަ އޮރެންޖު ކުލަޔާއި މަޑު އޮރެންޖު ކުލަ ފެނެއެވެ. ގަދަ ރީނދޫ ކުލަޔާއި މަޑު ރީނދޫ ކުލައިގެ އިތުރުން ގަދަ ހުދު ކުލަޔާއި މަޑު ހުދު ކުލަ ފެނެއެވެ. ގަދަ ފިޔާތޮށި ކުލަޔާއި މަޑު ފިޔާތޮށި ކުލައިގެ އިތުރުން ގަދަ ރަތް ކުލަޔާއި މަޑު ރަތްކުލަ ފަދަ އެތައް ކުލައެއް ފެނެއެވެ.

މިވަރަކުން ވެސް ނުފުދެއެވެ. އެއްގަހެއްގެ ދެ ގޮފީގައި ދެ ކުލައިގެ މާ އަޅާ ބޯގަންވިލާ ގަސް މިހާރު ހުރެއެވެ. އެއް ގޮފީގައި ހުދުކުލައިގެ މާ އަޅާނަމަ އަނެއް ގޮފީގައި ފިޔާތޮށި ކުލައެވެ. ބައެއް ބޯގަންވިލާ ގަސްގަހުގައި އަޅާ މާ ކޯޅީގެ ތިރީބައި ވަކިކުލައެއް ހުންނަ އިރު މަތީބައި ވަކި ކުލައަކަށެވެ. މީގެއިތުރުން އެންމެ ބޯގަންވިލާ ގަހެއްގައި ރޭންބޯގައި ހިމެނޭ ހުރިހާ ކުލައެއްގެ މާ އަޅާ ގަސް ވެސް މިހާރު ހުރެއެވެ.

މިއަދު ވެސް އެންމެ ބޮޑަށް ފާހަގަ ކުރެވޭ އެއްކަމަކީ ގޭގެ މައި ދޮރޯށި މަތިން އެ ގަހަށް ހާއްސަ ޖާގައެއް ދެވިފައިވާ ކަމެވެ. ޕޮޓުގައި ކުޑަކޮށް ބޯގަންވިލާ ހައްދަން ލޯބިކުރާ މީހުން ވެސް މަދު ނޫންކަން އެނގިގެން ދަނީ ގޭގޭގެ ބަގީޗާތަކުގައި ތަރުތީބުން އަތުރާފައިވާ އެކިކުލައިގެ ބޯގަންވިލާ ގަސްތަކުންނެވެ.

ބޯގަންވިލާއިން ރަށުގެ އެތައް ގެއެއްގެ ދޮރޯށި މިހާރު ޒީނަތްތެރިވެފައި ވާއިރު، މި ގަސްތަކަކީ އެ ސަރަހައްދުތަކަށް ވަރަށް ބޮޑު ފުރިހަމަ ކަމެއް ގެނެސްދޭ ގަސްތަކެކެވެ. ވުމާއެކު ރަށުގެ ޒީނަތްތެރިކަން އިތުރު ކުރުމަށް ކޮންމެ ގެއެއްގައި ވެސް ބޯގަންވިލާ ހެއްދިދާނެއެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!