ދައުލަތުގެ ޓެކްސް ފައިސާއިން ހިއްކާފައި އޮންނަ ބިމަކުން ވަކިރަށެއްގެ ބަޔަކަށް އެކަނި ބިން ވިއްކުން ޤާނޫނު އަސާސީއާ ޚިލާފުކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޢަލީ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކަން ޢިއުލާން ކުރި ބިންތައް ގަނެވޭނީ ހަމައެކަނި މާލޭގެ ރައްވެހިންނަށް ކަމަށް ކަނޑައަޅައި އެ ބިންތައް ވިއްކުމުގެ އުސޫލަށް ބަދަލުގެނެސްފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ބިމެއް ވިއްކަން އެޗްޑީސީން ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެ ބިންވިއްކާ އުސޫލަށް ބަދަލުގެނެސް އަލުން އާންމު ކުރީ 30 ވަނަ ދުވަހުއެވެ.
މިބަދަލުގެނެސްފައިވާއިރު ޒަމާނުއްސުރެ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގޯތި ގެދޮރުގެ މައްސަލަ ހައްލުކޮށް ދިނުމަށް މާލޭގެ ރައްޔިތުން ދަނީ އެދެމުންނެވެ. އަތޮޅުތަކުގެ ރައްތަކުން އެ ރަށްތަކުގެ ރައްޔިތުންނަށް ގޯތި ދޫކުރާ އުސޫލުން މާލޭގެ ރައްޔިތުންނަށް ގޯތި ލިބިދިނުމަށް ވެސް އެރައްޔިތުން ދަނީ އެދެމުންނެވެ.
މި ބިންތައް ވިއްކާލަން ހުޅުވާލުމުން ހަމައެކަނި ބިން ލިބެނީ މުއްސަނދިންނަށް ކަމަށް ބުނެ ވަރަށް ބޮޑަށް މީސް މީޑިއާ ހޫނުވިއެވެ. އެޗްޑީސީން ގެނައި މިބަދަލުން ގޯތީގެ މުހުތާދުޖެހި ކުދިކުދި ތަންކޮޅުކޮޅުގައި އުޅޭ މާލޭގެ ރައްޔިތުންނަށް ގޯތި ގަނެވޭނެ ގޮތެއް ނެތްކަމަށާއި، އެ ފުރުޞަޠު އޮތީ މުއްސަނދިންނަށް އެކަނި ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން ކަނޑައެޅި 60 ބިން ހަމައެކަނި މާލޭގެ ރައްވެހިންނަށް ގަނެވޭގޮތަށް އުސޫލަށް ބަދަލުގެނެސް އާންމުކޮށްފައި ވަނިކޮށް މަޖިލިސް މެންބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު ޢަލީ ވިދާޅުވީ، އެއީ ޤާނޫނުއަސާސީއާއި ޚިލާފް ކަމެއް ކަމަށެވެ.
"ދައުލަތުގެ ޓެކްސް ފައިސާ ޚަރަދުކޮށްގެން ހިއްކާފައި އޮންނަ އެއްވެސް ބިމަކުން ވަކިރަށެއްގެ ބަޔަކަށް އެކަނި ބިން ވިއްކުމަކީ ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފުކަމެއް." ޢަލީ ވިދާޅުވެފަވެއެވެ.
ދައުލަތުގެ ޓެކްސް ފައިސާ ޚަރަދުކޮށްގެން ހިއްކާފައި އޮންނަ އެއްވެސް ބިމަކުން ވަކިރަށެއްގެ ބަޔަކަށް އެކަނި ބިން ވިއްކުމަކީ ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފުކަމެއް.
— Ali Hussain (@AleeVoice) January 2, 2022
ޢަލީގެ މި ޓްވީޓަށް ޚިޔާލު ފާޅުކުރައްވަމުން ހދ. ކުމުންދޫ ކައުންސިލްގެ ރައީސް އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުޙައްމަދު ވިދާޅުވީ، ދައުލަތުގެ ޓެކްސް ފައިސާއިން ހިއްކާ ބިން ހުޅުވާލެވިގެން ވިއްކަން ވީ ހުރިހާރައްޔިތުންނަށް ހަމަހަމަ އުސޫލަކުން ކަމަށެވެ.
"ބަންޑާރަ ގޯތި ދޫކުރެވޭނީ ގުދުރަތީ ގޮތުން ރަށް އުފެދިފަ އޮތް ވަރަކުން، މާލޭ މީހުންނަށް ވެސް ބަންޑާރަ ގޯތި ރަށް ރަށުން ސަރުތުހަމަވާނަމަ ލިބޭނެ އެކަމަށް ހުރަހެއް ނެތް" އަމީން ވިދާޅުވެފަވެއެވެ.
ދައުލަތުގެ ޓެކްސް ފައިސާއިން ހިއްކާ ބިން ހުޅުވާލެވިގެން ވިއްކަން ވީ ހުރިހާރައްޔިތުންނަށް ހަމަހަމަ އުސޫލަކުން، ބަންޑާރަ ގޯތި ދޫކުރެވޭނީ ގުދުރަތީ ގޮތުން ރަށް އުފެދިފަ އޮތް ވަރަކުން، މާލޭ މީހުންނަށް ވެސް ބަންޑާރަ ގޯތި ރަށް ރަށުން ސަރުތުހަމަވާނަމަ ލިބޭނެ އެކަމަށް ހުރަހެއް ނެތް
— Ameen Mohamed (@Ameenkumundhoo) January 2, 2022
ޢަލީ ޓްވީޓާއި ގުޅިގެން މާލޭގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވީ، ހުރިހާ މެންބަރުން ނުކުންނަނީ "އޭތި މީތި ކިޔާފަ" ކަމަށެވެ.
"ލައްކަ ދުވަސްވެއްޖެ މާލޭ މީހުންގެ ވާހަކަ ދެއްކިޔަ ނުދީ ހިފަހައްޓާތާ" ޝިފާ ވިދާޅުވެފަވެއެވެ.
ޝިޒްނާ ކިޔާ މީހަކު ޚިޔާލުފާޅު ކުރަމުން ބުނެފައި ވަނީ، "މިކަން މިގޮތައް ކުރެވިގެން ނުވާނެ" ކަމަށެވެ.
"ކޮންމެވެސް ބޭފުޅަކު މި މައްސަލަ ކޯޓައް ވައްދަވައިދެއްވާ. ލޯނު ހިއްސާކުރަނީ އެންމެން އެއްވަރަށް. ޓެކްސް ދައްކަނީ އެންމެން އެއްވަރަށް،" ޝިޒްނާ ބުނެފަވެއެވެ.
މުހައްމަދު އާރިފް ކިޔާމީހަކު ޚިޔާލުފާޅު ކުރަމުން "2018 ގައި ފްލެޓްތައް ވިއްކި އިރު އޮތީ އެހެން ޤާނޫނުއަސާސީއެއްތޯ؟" ވަނީ ސުވާލުކޮށްފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކަން، އެޗްޑީސީން ވިއްކަން ނިންމާފައިވަނީ 1603.07 އަކަފޫޓާއި 2633.93 އަކަ ފޫޓާ ދެމެދުގެ 60 ބިމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!