ރ. އުނގޫފާރު މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލު ކުރީ މިދިޔަ މަހުގެ 31ވަނަ ދުވަހުއެވެ.
މިއީ 21.65 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން އައު މަގުތަކެއްގައި ތާރު އަޅައި، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކޮށް، މަގު ބައްތި ޖަހާނެއެވެ.
އެމްޓީސީސީން ވަނީ އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެރަށުގެ މަގުތަކުގައި ތާރު އަޅުމުގެ މަސައްކަތް މިދިޔަ މަހު ނިންމާލާފައެވެ.
މި މަޝްރޫއުގެ ދަށުން ޖުމުލަ 3.2 ކިލޯ މީޓަރު ދިގު މިނުގެ 14 މަގެއްގައި ވަނީ ތާރު އަޅައިފައެވެ. އަދި ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރާނެއެވެ. މިއީ 28.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!