އާބާދީގެ ނިސްބަތުން ހދ އަތޮޅުގައި އެންމެ މަދުން މީހުން ދިރިއުޅެނީ ވައިކަރަދޫގައެވެ. އެއީ ގާތްގަނޑަކަށް އާބާދީގެ ދެބައިކޮށްފައި އެއްބައި މީހުންނެވެ. އެހެންކަމުން ރަނގަޅު ވިޔަފާރިއެއް ކުރާކަށް އެއްވެސް މީހަކު ބޭނުމެއް ނުވެއެވެ. އާބާދީ ނެތްތަނެއްގައި، ކަމެއް ކުރެވިދާނެކަމަށް ހަމަ ޤަބޫލުނުކުރެވެނީއެވެ. ނަމަވެސް ބުލޫ އޯޝެނިކް މޯލްޑިވްސްއިން މިވަނީ އެ މަންޒަރު މުޅިން ބަދަލުކޮށްލާފައެވެ. އެ ކުންފުނީގެ މަސްފެކްޓްރީއާއެކު މިއަދު ވައިކަރަދޫއަށް ވަނީ ބޮޑު އުންމީދެއް ގެނެސްދީފައެވެ. ޒުވާނުންނަށް ފުރުޞަތުތަކެއް ފަހިކޮށްދީފައެވެ.
މީގެ ދެއަހަރު ކުރިޔަށް ބަލާލިޔަސް ވައިކަރަދޫއަކީ މަސްވެރިކަމުގެ ދާއިރާގައި ހަމަ ސުމެކޭވެސް ބުނެވިދާނެއެވެ. އެ މަސައްކަތުން އާމްދަނީ ހޯދަނީ އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދުބައެކެވެ. ލިބެނީ ކުޑަ އާމްދަނީއެކެވެ. ވަދު ދޯނި ފިޔަވާ، މަސްވެރިކަމަށް ބޭނުންކުރާ ޑިންގީފަދަ އެއްޗިއްސެއްވެސް ނުހުރެއެވެ. އެހެން ނަމަވެސް މިއަދު އެހާލަތު މުޅީން ބަދަލު ވެއްޖެއެވެ. މަސްވެރިކަމަށް ޒުވާނުން ނުކުންނަށް ފަށައިފިއެވެ. އޮޑި ދޯނި ފަހަރާއި، ޑިންގީވެސް ގިނަ ވެއްޖެއެވެ. ރަށުގެ އިޤްތިޞާދަށް ދިރުން ލިބެންފަށައިފިއެވެ.
"މިހާރު ވައިކަރަދޫގައި ނުހުންނާނެ ކުރާނެ މަސައްކަތެއް ނެތިގެން އާމްދަނީ ނުލިބޭނެ ހަމަ އެކަކުވެސް، ކުރިން ދެ ދޯނި މަހަށް ދިޔަ ރަށެއް މިއީ، މިހާރު މޫސުން ރަނގަޅިއްޔާ 12 ދޯނި މަހަށް ފުރާނެ، އިއްޔެވެސް މިރަށުގައި ތިބީ މަހަށް ނުދާ ދެތިން ޒުވާނުން، ކެރިގެން ނުކުމެ މަސައްކަތްކޮށްފިއްޔާ ރަނގަޅު އާމްދަނީއެއް މިހާރު ހޯދޭނެ"
ބުލޫ އޯޝެނިކްގެ އެއް ހިއްސާދާރު އަދި އޮޕަރޭޝަން ޑައިރެކްޓަރ އަބްދުﷲ ނިޝާން (ބެންޖޯ)ގެ އިހްސާސްތައް ފަހުރުވެރިކަމާއެކު ހިއްސާކުރަމުން ބުނެލިއެވެ.
ނިޝާން ބުނީ މަސްފެކްޓްރީގައި ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިންގެ އަތުން ގަންނަ މަސް ޕެކެޓްކޮށް، ބާޒާރަށް ނެރުމެވެ. އެގޮތުން މޫދު ކާނާގެ ކޮންމެ ބާވަތެއްވެސް އެ ފެކްޓްރީން ރަނގަޅު އަގެއްގައި ގަނެއެވެ. ފަރުމަސް، ބޯވާ، ރާކަނި، ހަންދަ، އިހީގެ އިތުރުން ލަނޑާގެ ބާވަތްތައްވެސް ގަނެއެވެ. މިހާރުވެސް ފެކްޓްރީގައި މަސައްކަތްކުރާ ދާއިމީ 3 މުވައްޒަފުން ތިބިއިރު، ދުވަހު މުސާރަވެރީންގެ ގޮތުގައި 8 މުވައްޒަފުން މަސައްކަތްކުރެއެވެ. މިއީ ހަމަ ރަށަށް އިތުރުވި ވަޒީފާއެވެ.

އެ ތަނުގެ މަސައްކަތް މިހާރު ކުރިޔަށްދަނީ ނުރަސްމީކޮށް ނަމަވެސް، ކުރިއަށް އޮތް ދެމެމަސްތެރޭގައި ބޮޑެތި ބަދަލުތަކެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ކުންފުނިން ބޭނުންވަނީ މަސްވެރިންގެ އަތުގައި ހިފައިގެން ހިތްހަމަޖެހޭ މަސައްކަތުގެ މާހައުލެއް ޤާއިމްކޮށްދޭށެވެ. މަސައްކަތަށް ހިތްވަރުދީ، ޝަޢުޤުވެރިކަންއިތުރު ކުރާށެވެ. އެގޮތުން ކޮންމެ މަހަކު އެންމެ ރަނގަޅަށް މަސް ވިއްކާ ޓީމު ފާހަގަކޮށް އިނާމު ދޭއިރު، އަހަރަކު އެންމެ ގިނައިން މަސް ވިއްކާ ފަރާތައްވެސް ރަނގަޅު އިނާމެއް ދޭންވަނީ ނިންމާފައެވެ. އަދި މަސްވެރިނަށް ލުއި ފަސޭހަ އެތަށް ކަމެއް ޤާއިމްކުރުމަށް ދަނީ ރާވަމުންނެވެ.
ނިޝާން ޤަބޫލު ކުރާގޮތުގައި މިއީ ރަށްކައިރީ ރިސޯޓެއް އޮތުމަށްވުރެއް، ޒުވާނަށް ފައިދާ ބޮޑު މަސައްކަތެކެވެ. ބޭނުންވަނީ ކެރުމެވެ. ހިތްވަރެވެ. މިސާލު ދެއްކީ މިވާހަކައިނެވެ
ވަށައިގެން މިއޮތީ ކަނޑު ފަޅު، ބޭނުންވަނީ ކެރުމާއި ހިތްވަރު، ހަމަ ފީނަންވީ، ފަރުފަރުން މަސްބާނަންވީ، ރަށު ތެރޭގައި މަސައްކަތްކޮށްފައި އިތުރަށް އާމްދަނީހޯދަށް މަސްވެރިކަން ކޮށްގެން 15 ދުވަހުން ތޭރަހާސް ރުފިޔާ ހޯދި މީހުން މިހާރު އެބަތިބި
ނިޝާން ބުންޏެވެ.
އެ ކުންފުނީގެ އުންމީދުތައް ބޮޑެވެ. އަޒުމް ވަރުގަދައެވެ. ތޮށި ފަޅާލާފައި، ދަނޑުވެރީންނާއެކު ހަމަ އިސްކޮޅަށް ތެދުވަންވެސް ބުލޫއޯޝެނިކް މޯލްޑިވްސް އޮތީ ތައްޔާރަށެވެ. އަމާޒަކީ ކުރިއަތްއޮތް ދެއަހަރު ތެރޭގައި ދަނޑުވެރިންނަށް ރަނގަޅު މާކެޓެއް ހޯދައިދިނުމެވެ. ދަނޑުވެރިން ހައްދާ އެތިކޮޅު ރަށުގެ ބްރޭންޑެއްގެ ގޮތުގައި މާކެޓަށް ނެރެ ދިނުމެވެ.
މިހާރުވެސް މަހުގެ ކަށި ބޭނުންކޮށްގެން ގަސް ކާނާ އުފެއްދުމަށް މި ދަނީ ތައްޔާރުވަމުން، ދަނޑުވެރިނަށް ޚާއްޞަކޮށްގެން ދާއިރާގެ ތަޖްރިބާ ލިބިފައިވާ މީހުން ގެނެސް، ތަމްރީނު ޕްރޮގްރާމްތައް ހިންގޭނެ، ދަނޑުވެރިނަށް ހަމަ އަގު ލިބޭނެ ގޮތް ހަމަޖެހިގެން ދާނެ، މިހިރީ ހައްތަހާވެސް އުންމީދުތައް
ނިޝާން ބުންޏެވެ.
އުންމީދީ މި މަސައްކަތުގައި ގޮންޖެހުންތަކެއްވެސް އެބަ ހުއްޓެވެ. މަސްވެރިކަމަށް ލިބޭ ޚާއްޞަ އިނާޔަތްތަކާއި، ލުއި ފަސޭހަ ގޮތްތައް ކަނޑައެޅުމުގައި ހުރި ބައެއް ސިޔާސަތުތަކެވެ. ހަމައެހެންމެ މަސްވެރިކަމާއި ގުޅޭ މަސައްކަތްތަކާމެދު މުޖުތަމަޢު ދެކޭގޮތް ވެސް ބަދަލުވާން ޖެހެއެވެ. ކޮންމެ ވަޒީފާއަކީ ޓައީ އަޅައިގެން އަދާކުރަންޖެހޭ ވަޒީފާއެއް ނޫނެވެ. ހަލާލުގޮތުގައި ކުރެވޭ ކޮންމެ މަސައްކަތަކީ މޮޅު ރަނގަޅު މަސައްކަތެކެވެ. މިފަދަ ހޭލުންތެރިކަން އިތުރުކޮށް، ރަށުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް ރަށު ކައުންސިލުގެ ދައުރުވެސް ވަކި ކުޑައެއް ނޫނެވެ.
މިއަދު ވައިކަރަދޫގެ ޒުވާނުން، މަސައްކަތްތެރިން، ހިންގުންތެރިން، ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ ރަށުގެ މުސްތަޤުބަލަށްޓަކައި، އިޤްތިޞާދީ ހަރަކާތަކާއެކު ބަޔަކު ތެދުވެއްޖެކަމެވެ. އުންމީދީ ފުރުޞަތެއް ފަހިކޮށްދީފިކަމެވެ. މަސްފެކްޓްރީގެ މަސައްކަތާއެކު، އަބްދުﷲ ނިޝާން (ބެންޖޯ)ގެ އަޒުމް ވެސް ވަރުގައެވެ. އޭނާ ކުރަނީ ބޮޑު ޗެލެންޖެކެވެ.

ރަށްދޫކޮށް ވަޒީފާއަށްޓަކައި ހިޖުރަކުރާ އާބާދީ، ދެ އަހަރު ތެރޭގައި ކުޑަކުރާނަން، އެ ޔަޤީންކަން އެބައޮތް
މިއީ އޭނާގެ ބޮޑު އުންމީދެކެވެ.
މި ފެންނީ އިއްޔެ ނުފެންނަ ކިތަންމެ މަންޒަރެކެވެ. މި އިވެނީ އިއްޔެ ނުއިވޭ ކިތަންމެ އުންމީދީ އަޑުތަކެކެވެ. ހަމަޔަޤީނުންވެސް ބުލޫ އޯޝެނިކް މޯލްޑިވްސްގެ މަސްފެކްޓްރީއާއެކު ވައިކަރަދޫއަށް ކުރިމަގު އެބައޮތެވެ. އުންމީދު އެބައޮތެވެ. ހަފަރާތުންވެސް ފެންނަނީ އުޖާލާ މަންޒަރުތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!