ޤާނޫނާއި ޤަވާއިދާ ޚިލާފަށްކުރާ މަސްވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް ޔޫރަޕިއަން ޔޫނިއަންއިން ބަލައިގެންފިއެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބްރަސްލްސްގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު އާއި އެކު ބޭއްވުނު ބައްދަލުވުންތަކުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށްކުރާ މަސްވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖޭގެ ފަރާތުން އަޅާފައިވާ ފިޔަވަޅުތައް ޔޫރަޕިއަން ޔޫނިއަންއިން ފާހަގަކޮށް މިމަޢުލޫގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފުރިހަމަކޮށް ނިންމާލުމަށް ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ވަނީ ބާރު އަޅުއްވާފައެވެ.

Ad
d

އަދި އޭގެ އިތުރުން މަސްވެރިކަމާއި ބެހޭ ބިލު، މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ގެޒެޓް ކުރައްވާފައިވާތީ، އެކަން ޚާއްސަ ގޮތެއްގައި ބަލައިގަންނަ ކަމަށްވެސް ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޤާނޫނާއި ޤަވާއިދާ ޚިލާފު މަސްވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖޭގެ ފަރާތުން އަޅާފައިވާ އެހެނިހެން ފިޔަވަޅުތައް އަދި ކުރިއަށް އޮތްތަނުގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކުރުމުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކާއިމެދު ޔޫރަޕުގެ ޤައުމުތަކަށް އިތުރު ޔަޤީންކަމެއް ލިބިގެންދާނެ ކަމުގައިވެސް ޔޫއެންއިން ވަނީ ފާހަގަ ކުރައްވާފައެވެ.

Ad
df

މި މަހުގެ 25 އަދި 26 ގައި ޔޫރަޕިއަން ޔޫނިއަންގެ ކަމާބެހޭ އިދާރާތަކާއެކު ބޭއްވުނު ބައްދަލުވުންތަކުގައި، މިނިސްޓަރ ޒަހާ ވަހީދުގެ އިތުރުން މިނިސްޓްރީގެ ފަންނީ މުވައްޒަފުން އަދި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ މިޝަންގެ މުވައްޒަފުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.