ހދ. ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި، 12 ކްލާސްރޫމުގެ ހަތަރު ބުރީގެ އިމާރާތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްކަތް ކުރުމަށް ބަޔަކާއެކުވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ހދ. އޭއީސީގައި އައު ކްލާސްރޫމު އިމާރާތެއް އަޅަން ނިންމާފައިވާއިރު، މިހާރު އެސްކޫލުގައި ހުރި އިމާރާތްތަކަށްވެސް ވަނީ ވަރަށް ދުވަސްވެފައެވެ. ހަމައެހެންމެ، އެސްކޫލުގެ އާބާދީ ބޮޑުތަނުން އިތުރުވެފައިވާއިރު، ސްކޫލަށްވަނީ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައެވެ.
ހދ.ކުޅުދުއްފުށި ސުކޫލް (ހދ.އަތޮޅު ތަޢުލީމީ މަރުކަޒު) ގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 12 ކްލާސްރޫމް 04 ބުރި އިމާރާތުގެ ކޮންޓްރެކްޓްގައި ސޮއި ކުރުން.@aisthly pic.twitter.com/Uvp2rCDDW5
— Ministry of Education (@MoEdumv) September 30, 2019
އެސްކޫލަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާއިރު، އަންނަ އަހަރު އެސްކޫލުގައި އަލަށް ގްރޭޑް ނުވައެއް އުފެއްދުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. ހަމައެހެންމެ، ކައިރީގައި އޮތް ޖަލާލުއްދީން ސްކޫލުގައި ގްރޭޑް އެކަކުން ފެށިގެން ކިޔަވައިދޭ ގޮތަށްވެސް ވަނީ ބަދަލުކޮށްފައެވެ.
ކުރިން ސާނަވީ އަދި މަތީ ސާނަވީއަށް ކިޔަވައިދެމުން ދިޔަ ޖަލާލުއްދީން ސްކޫލުގައި އެހެން ގްރޭޑުތައް އުފައްދަން ނިންމީވެސް، ހދ. އޭއީސީއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، އެއް ދަންފަޅިއަށް ހިންގުމަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
އެހެންނަމަވެސް، ކުއްލިއަކަށް މި ބަދަލު ގެންނަން، ދެ ސްކޫލުގެ ބެލެނިވެރިންވެސް ހިތްހަމަ ނުޖެހެއެވެ. ސަބަބަކީ، ދަށް ގްރޭޑުތަކަށް ކިޔަވައިދޭން ބޭނުންވާ ހުރިހާ ވަސީލަތްތައް ޖަލާލުއްދީން ސްކޫލުގައި ނެތުމާއި، މަތީ ގްރޭޑުތަކަށް ކިޔަވައިދޭން ބޭނުންވާ އެންމެހާ ވަސީލަތްތައް ތައުލީމީ މަރުކަޒުގައި ނެތުމެވެ. މި ޝަކުވާތައް، ބެލެނިވެރިންވަނީ އެޑިއުކޭޝަނާވެސް ހިއްސާކޮށްފައެވެ.
މި ދެ ސްކޫލުގެ އިތުރުން އެހެން ސަރުކާރު ސްކޫލެއްވެސް އެރަށުގައި އޮވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!