ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިމޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އާޒިމް ވިދާޅުވީ އެ އެއާޕޯޓުގެ މަސައްކަތް އަންނަ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި މިހާރު އެއާޕޯޓުގެ ގްރައުންޑް މަސައްކަތްތައް ނިންމާލައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގްރައުންޑް މަސައްކަތްތަކުގެ ދަށުން ރަންވޭ، ޓެކްސީވޭ، އެޕްރޮން، ފަޔާ ޕެޑް އަދި ފަޔާ ރޯޑްގެ ސަބްބޭސް އަދި ސަބްގްރޭޑް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
"މުޅި އެއާޕޯޓުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި ނިންމާލެވޭނެ"
އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މީގެ ކުރިން އަމާޒު ހިފީ މިއަހަރުގެ ތެރޭގައި އެ އެއާޕޯޓުގެ މަސައްކަތް ނިންމާލަން ކަމަށެވެ. ނަމަވެސް އެއާޕޯޓުގެ މަސައްކަތްތައް ލަސްވީ، ކޮވިޑުގެ ސަބަބުން ބޭރުން މުދާ ގެނައުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 144.8 މިލިއަން ރުފިޔާ އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!