މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ހިމެނޭ ޖުޑީޝަލް ސާވިސް ކޮމިޝަން ގެ ކޮމްޕޮޒިޝަން ބަދަލުކުރުން ލަސްވެފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ އެކަން ކުރުން ލަސްވެފައިވާ ކަމަށެވެ. އެކަމަކު މި ދައުރުތެގޭގައި އެކަން ކުރާނެ ކަމަށް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އެއީ ވަރަށް ބޮޑު ކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް އެޅޭ އެންމެ ބޮޑު އެއް ފިޔަވަޅަށް އެކަން ވާނެ ކަން ފާހަގަކުރައްވާ ވިދާޅުވީ އެކަމާ ގުޅިގެން ރައީސް ސޯލިހު މިހާރު ވެސް ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށެވެ.

Ad
rt

"އެ މަސައްކަތް ހަމަ މި ދައުރުގެ ތެރޭގައި ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން ބޭނުންވަނީ،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ޖޭއެސްސީ އަށް ބަދަލު ގެންނަ އިރު، އެ ބަދަލަކީ އެންމެނަށް އިތުބާރުކުރެވޭ ބަދަލެއްކަން ވެސް ކަށަވަރުކުރާނެ ކަމަށެވެ. އެގޮތުން މި ސަރުކާރު އައުމުގެ ކުރިން ޖޭއެސްސީ ބަދަލުކުރަން ނިންމި ގޮތަށް އެކަން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ލަފައަށް އައްސަވާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޖުޑީޝަރީ އިޞްލާޙު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދެވެ. އެގޮތުން ސިޔާސީ ނުފޫޒު ނޯންނަ ގޮތަށް ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން މިހާރު އޮތް ގޮތުން އެ ކޮމިޝަނުގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ތިއްބަވަ އެވެ. އެގޮތުން ރައީސް އައްޔަންކުރައްވާ މެމްބަރަކާއި އެޓާނީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުގެ އިތުރު މެމްބަރަކު ވެސް އެ ކޮމިޝަނުގައި ތިއްބަވަ އެވެ.