ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ އޮތް ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.
މިގޮތުން ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އިތުރު ކުރުމާއިގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން މިއަދު ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކަކީ ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ ދަށުން 2 އަހަރު ދުވަހުގެ މުއްދަތަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ކަމަށެވެ.
އަދި ކޯވިޑް 19ގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރުގެ މިހާ ހިސާބަށް، އެ ކުންފުނިތަކަށް ޢުމްރާ ދަތުރުތައް ރާވާ ހިންގުމަށް އެކަށީގެންވާ ފުރުޞަތެއް ލިބިފައި ނުވާކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަ ކުރައްވާފައެވެ.
އެހެންކަމުން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ ދަށުން އެ މިނިސްޓްރީއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، ޢުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދެވިފައިވާ ހުރިހާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އިތުރު 1 އަހަރުދުވަހަށް އިތުރު ކޮށްދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެފައެވެ.
ކޯވިޑްގެ ސަބަބުން މުސްލިމުން އުމްރާއާއި ހައްކުގެ އަޅުކަން އަދާކުރުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވިޔެވެ. ނަމަވެސް މިހާރު ސައޫދީ ސަރުކާރުން ވަނީ ދެ ޑޯޒު ފުރިހަމަ ކުރިމީހުންނަށް އެ ގައުމަށް ދަތުރުކުރެވޭގޮތަށް ލުއިތައް ދީފައެވެ.
މީގެއިތުރުން މާތްވެގެންވާ ގެފުޅާއި، ޙަރަމްފުޅަށް އަޅުކަމަށް ދާ ދެ ޑޯޒް ފުރިހަމަ ކުރި މީހުންނަށް އެ ފުރުޞަޠު ދެމުންދާއިރު، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!