މިދިޔަ މޭ މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒު ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲއާ ބައްދަލުކުރައްވައިފިއެވެ.

ތަހުގީގުގެ ކަންކަން ބެލުމަށް ރައީސް ކަނޑައަޅުއްވާ މަންދޫބަކަށް އައްބާސް ފާއިޒް ކަނޑައެޅުއްވީ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާ ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުއެވެ. އައްބާސް ފާއިޒު މަޖިލީހުގެ ނައިބުރައީސް އާ ބައްދަލުކުރެއްވި ނަމަވެސް އެ ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް އާންމުކުރައްވާފައެއް ނުވެއެވެ.

Ad
rt

ރައީސްގެ މަންދޫބުގެ ހައިސިއްޔަތުން މަސައްކަތްކުރައްވާ އައްބާސް ފާއިޒް ހަމަލާޔާގުޅޭ އެންމެހައި ތަހުގީގެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން، ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި އިންސާފު ގާއިމުކުރެވެންދެން، ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓްތައްވެސް ތައްޔާރުކުރައްވާނެކަމަށް ބުނެފައިވެއެވެ.

ޢައްބާސް ފާއިޒަކީ ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާއީ، ސަގާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ މާހިރެކެވެ.

އަދި، ދެކުނު އޭޝިޔާ ބައްރުގެ ގައުމުތަކުގެ އިންސާނީ ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވައި، ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގައި ފާއިތުވި 3 އަހަރު ގާނޫނީ ލެކްޗަރަރއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި އަމަލީގޮތުން ބައިވެރިވި ކަމަށް ބުނާ 8 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ހަތަރު މީހަކަށް ދައުވާއުފުލުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. އަދި ފަސް މީހެއްގެ ވަނަވަރުވެސް ވަނީ އާންމުކޮށްފައެވެ. އެ މައްސަލާގެ ހުރިހާ ތަހުގީގެއް މި ޖުލައި މަހުގެ ތެރޭގައި ނިމޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވެއެވެ.