ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި އިންގްލެންޑާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ ދެ ޓީމުންކުރެ އެއްޓީމަކަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.
މި މެޗު ކާމިޔާބު ކޮށްގެން ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުޞަތު އިންގްލެންޑަށް އޮތް ނަމަވެސް މި މެޗު އެއްވަރުވުމާއި ގުޅިގެން މި ގްރޫޕުގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. މި ގްރޫޕުގެ އެއްވަނާގައި ހަތަރު ޕޮއިންޓް ހޯދައިގެން ޗެކްރިޕަބްލިކް އޮތްއިރު ދެވަނާގައި އޮތް އިންގްލެންޑަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތިންވަނާގައި އެއް ޕޮއިންޓާއިއެކު ސްކޮޓްލެންޑް އޮތްއިރު ތާވަލުގެ ފުލުގައި ކްރޮއޭޝިއާ ވެސް އޮތީ ޕޮއިންޓެއް ހޯދައިގެންނެވެ.
މި ގްރޫޕުން ދެވަނަ ބުރުގެ ޖާގަތަށް ކަށަވަރު ވެގެންދާނީ މި ގްރޫޕްގެ ފަހު މެޗުތަކަށް ފަހުއެވެ. މި ގްރޫޕްގެ ފަހު މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ މި ހަފްތާ ބުދަދުވަހުގެ ރެއެވެ. އިންގްލެންޑާއި ޗެކްރިޕަބްލިކް ވާދަކުރާއިރު ސްކޮޓްލެންޑާއި ވާދަކުރާނީ ކްރޮއޭޝިއާއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވެސް ދެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ލިބިފައެވެ. މިގޮތުން 11 ވަނަ މިނެޓުގައި އިންގްލެންޑަށް ލިބުނު ކޯނަރެއްގައި އެ ޓީމްގެ ޑިފެންޑަރ ސްޓޯންސް ފޮނުވާލި ހަމަލާ ސްކޮޓްލެންޑުގެ ގޯލުގެ ދަނޑިއަށް އަމާޒުވީއިރު، ޖެހިގެން އައި މިނެޓުގައި އެ ޓީމްގެ މައުންޓަށް ވެސް ވަނީ ރަނގަޅު ފުރުޞަތެއް ލިބި ބޭނުން ނުކުރެވިފައެވެ. މެޗުގެ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ސްކޮޓްލެންޑުން ވަނީ ނުރައްކާތެރި ހަމަލާއެއް އިންގްލެންޑް ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ވަނީ އެ ހަމަލާ ދިފާއު ކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ފެނިގެން ގޮސްފައިވަނީ ވާދަވެރި ފޯރިގަދަ ކުޅުމެކެވެ. ދެ ޓީމަށް މިހާފުގައި ލަނޑު ޖަހާނެ ފުރުޞަތު ލިބުނު ނަމަވެސް އެ ފުރުޞަތުތަކުގެ ބޭނުން ކުރެވިފައި ނުވެއެވެ.
މި މުބާރާތުގެ ތިން މެޗު މިއަދު ވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި 18:00 ގައި ފްރާންސާއި ހަންގޭރީ ބައްދަލުކުރާއިރު ދެވަނަ މެޗުގައި 21:00 ގައި ބައްދަލު ކުރާނީ ޖަރުމަނާއި ޕޯޗުގަލްއެވެ. މިއީ ގްރޫޕް އެފްގެ ދެ މެޗެވެ. މިރޭ ދަންވަރު 00:00 ގައި އޮންނަ މެޗުގައި ބައްދަލުކުރާނީ ސްޕެއިންއާއި ޕޮލެންޑެވެ. މިއީ ގްރޫޕް އީގެ މެޗެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!