މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާއި ދެކޮޅު ކަމަށް މާމިނގިލީ ދާއިރާގެ މެންބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ، އެ މަނިކުފާނު އިންނަވާ ޖުމްހޫރީ ޕާޓީގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.

Ad
rt

އެ އިސްލާޙް ހިމެނޭ ބިލުގެ ފުރަތަމަ ސަފްހާ އެ ގްރޫޕްގައި ހިއްސާކުރަށް ވަމުން ޤާސިމް ވިދާޅުވެފައި ވަނީ "މި އިސްލާޙް ގާނޫނަށް ގެންނަން އަޅުގަނޑު ދެކޮޅު" ކަމަށެވެ. އަދި އެއީ ޤާނޫނަށް ގެންނަން ހެޔޮވާވަރު އިސްލާހެއް ނޫން ކަމަށް ޤާސިމް ވިދާޅުވިއެވެ.

"މިކަން މަޖިލީހުން ފާސްކުރިޔަ ނުދިނުމަށް އެޅެން އޮތް ހުރިހާ ބާރެއް ގާނޫނުގެ ތެރެއިން އަޅައިދެއްވުން ވަރަށް ބޮޑަށް އެދި ދަންނަވަން" ޤާސިމް ލިޔުއްވި މެސެޖްގައި ވެއެވެ.

ޤާސިމް ހިއްސާ ކުރެއްވި ސަފްހާއިން ފެންނަ އިސްލާހް ތަކަކީ، އެ ބިލުގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށާއި، އަދި އިސްލާމީ އަޤީދާއާއި ގުޅުވައި މުޖުތަމައުގައި ނަފުރަތު އުފެއްދުމަކީ ކުށަކަށް ހެދުމަށް ހިމަނާފައިވާ އިސްލާހާއި، އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމާއި، ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރި ވުމަކީ ވެސް ކުށެއް ކަމަށް ބަޔާންކޮށްފައިވާ އިސްލާހެވެ.

މަޖިލީހުގައި އިއްޔެ ފުރަތަމަ ކިޔުން އިއްވި މި ބިލުގައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ހުށަހަޅާފައެވެ. މިގޮތުން 124 ވަނަ މާއްދާގެ ގޮތުގައި "ނަފްރަތުގެ އަމަލު ހިންގުން" ނަމުގައި މާއްދާއެއް އިތުރު ކުރަން ވަނީ ހުށަހަޅާފަ އެވެ.