މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ފެލިވަރުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، ކުރިއަށް އޮތީ ރަމަޟާންމަސް ކަމުން، މިފްކޯއިންވަނީ މިފަދަ ހާލަތެއް މެދުވެރި ވެދާނެކަމަށް ތައްޔާރުވެފައި ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ކުރިއަށް އޮތީ ރަމަޟާންމަސް ކަމަށްވާއިރު މިފްކޯއިންވަނީ މިފަދަ ހާލަތެއް މެދުވެރި ވެދާނެކަމަށް ތައްޔާރުވެފަ ކަމަށެވެ.
އެހެންކަމުން މާލެއާއި މިފްކޯގެ އެހެނިހެން ސެންޓަރުތަކުންވެސް މިފްކޯގެ އުފެއްދުންތައް މެދުކެނޑުމެއްނެތި ކަސްޓަމަރުންނަށް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޯވިޑް-19އަށް ފެލިވަރުގެ މުވައްޒަފުންތަކެއް ފައްސިވެފައިވާތީ އެ މުވައްޒަފުންވަނީ ފެލިވަރުގައިވާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރެވިފައި ކަމަށް މިފްކޯއިން ބުނެއެވެ. އަދި އެ ހުރިހާ މުވައްޒަފުންގެ ހާލު ރަނގަޅު ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ފެލިވަރުން ކޯވިޑް ޕޮޒިޓިވް ކޭސްތަކެއް ފެނުމުން، 24 މާރޗް 2021 އިން ފެށިގެން އެރަށް އޮތީ މޮނިޓަރިންގ ހާލަތަށް ގެނެވިފައެވެ.
މިފްކޯއިން ބުނީ، ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އެކުންފުނީގެ ހުރިހާ ސައިޓްތަކުގައި އަމަލު ކުރަމުންދަނީ އެޗްޕީއޭގެ ގައިޑްލައިން ތަކާއި އެއްގޮތަށް އެކުލަވާލެވިފައިވާ އެސްއޯޕީއެއްގެ ދަށުން ކަމަށެވެ. އަދި އެޗްޕީއޭއާއި ގުޅިގެން އިތުރަށް އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މުވައްޒަފުންގެ ރައްކާތެރިކަން ދެމެހެއްޓުމަކީ އަބަދުވެސް އެ ކުންފުނިން އިސްކަންދޭ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުނެފަ ވެއެވެ.
ފެލިވަރުން މިހާތަނަށް 66 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް މިފްކޯއިން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!