މެޔަށް ބަޑިޖަހައި ފަލަސްތީން ދެ ކުއްޖަކު ޝަހީދުކޮށްލައިފި އެވެ.

ދެ ކުދިން ވެސް ޝަހީދު ކޮށްލާފައިވަނީ މެޔަށް އަމާޒުކޮށް ދިން ސްނައިޕަރު ބަޑީގެ ހަމަލާއެއްގައި ކަމަށް ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނެއެވެ.

Ad
rt

އިޒްރޭލާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރީގައި އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއަށް އިޒްރޭލު ސިފައިން ބަޑި ޖެހުމުގެ ސަބަބުން 76 މީހަކު ވަނީ ޒަހަމް ވެފައި ކަމަށާއި އޭގެ ތެރެއިން 46 މީހުންނަކީ ސީދާ އަމާޒުކޮށް ދިން ހަމަލާތަކުގައި ޒަހަމްވި މީހުންކަމަށް ޣައްޒާގައި ހުންނަ ފަލަސްތީންގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން އަޝްރަފް އަލް ގިދްރާ ނޫސްތަކަށް މަޢުލޫމާތު ދީފައިވެއެވެ.

ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި، އިއްޔެގެ މުޒާހަރާތަކުގައި ޝަހީދު ކޮށްލާފައިވަނީ އަލީ ސާމީ އަލް އަޝްގާރު ނަމަކަށް ކިޔާ 17 އަހަރުގެ ކުއްޖަކާއި ޚާލިދު މުހައްމަދު ރިބިއީ ނަމަކަށް ކިޔާ 14 އަހަރުގެ ކުޑަ ކުއްޖެކެވެ.

މުޒާހަރާގައި ބައިވެރިވި މީހުން ބުނާގޮތުގައި، އިއްޔެގެ މުޒާހަރާގައި 5000 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ނަމަވެސް އިޒްރޭލު އަސްކަރިއްޔާއިން ބުނީ، އެގައުމުގެ ބޯޑަރު ކައިރިއަށް 6200 މީހުން އެއްވި ކަމަށެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ހަފްތާގެ ކޮންމެ ހުކުރު ދުވަހު އިޒްރޭލާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރީގައި ފަލަސްތީން ރައްޔިތުން އަންނަނީ ސުލްހަވެރި މުޒާހަރާތައް ކުރަމުންނެވެ. މުޒާހަރާ ކުރަމުންދަނީ އަމިއްލަ ވަޒަނުން ބޭރުކުރި ފަަލަސްތީންގެ އެތައް ހާސް ރައްޔިތުންނެއް އެމީހުންގެ އުފަން ފަސްގަނޑަށް ގެނައުމަށާއި ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށެވެ.

ކޮންމެ ހަފްތާ އަކު މުޒާހަރާ ކުރަމުންދާތީ އަމިއްލަ ރައްކަލަކަށް ކަމަށް ބުނެ އިޒްރޭލުގެ ސިފައިންނާއި ސްނައިޕަރުން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑި ޖަހައި އެތައް ބަޔަކު ޝަހީދު ކޮށްލައިފައެވެ.