އެކަނި މަހަށް ފުރި، ކ. މާފުށި، ޝޭޑީ ގްރޯވް، އަހުމަދު އާދަމް ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އުމުރުން 81 އަހަރުގެ އަހުމަދު އާދަމް ހޯދައި މިހާރު ކޯސްޓް ގާޑަށް ނަގާފައިވާ ކަމަށެވެ. އަދި ކޯސްޓްގާޑް ލޯންޗް އޭނާ ގޮވައިގެން މާފުއްޓަށް މިހާރު ދަތުރު ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފުން ކުރިން ވަނީ 18 ފޫޓުގެ ރިޔާ ދޯންޏެއްގައި ކ. މާފުށިން މަހަށް ދިޔަ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަމުން ގެންދާ ކަމަށް ވިދާޅުވެފައެވެ. މި ހާދިސާގެ ރިޕޯޓް އެއިދާރާއަށް ލިބުނީ މިއަދު މެންދުރު ފަހު 14:08 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައި ވެއެވެ.
މާފުށި، އަހުމަދު އާދަމް މަހަށް ފުރީ ފަތިހު 5:30 އެހާކަންހާއިރު އެވެ. އޭގެ ފަހުން މެންދުރު ދެއެއް ޖެހުމާއި ހަމައަށް ވެސް އޭނާގެ އެއްވެސް ހަބަރެއް ނުވެގެން އޭނާ ހޯދަން ފެށީއެވެ. އޭނާ ހޯދުމުގައި ކަނޑުފަތުރު ކުރާ އުޅަނދުފަހަރުގެ އެހީތެރިކަމަށް ވެސް އެމްއެންޑީއެފުން އެދުނެވެ.
އަހުމަދު އާދަމް ދޯނީގައި، ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުއްވި ދެ ފޮޓޯތެރެއިން އެއް ފޮޓޯގައި ކޯސްޓް ގާޑް ލޯންޗެއްގައި އަހުމަދު އާދަމް ހެޔޮ ހާލުގައި ހުށި ފޮޓޯއެއް ފެނެއެވެ. ހަމަ އެފޮޓޯގައި އޭނާ މަހަށް ފުރި ދޯނި ކޯސްޓް ގާޑް ލޯންޗްގެ ކަފުގައި އޮށްވައި ފެނެއެވެ.
ދެވަނަ ފޮޓޯގައި ފެންނަނީ އަހުމަދު އާދަމް ދޯނީގައި ހުއްޓައެވެ. ބެލެވޭ ގޮތުގައި އެއީ އޭނާ ފެނުނު ވަގުތު ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި އޭރު ދޯނީގެ ރިޔާ ވެސް ހުރީ އޮޅާފައެވެ. އަދި ދެފަލި ދޯނީގެ ދެފަރާތަށް ބާލާފައި ހުއްޓައިވެސް އެ ފޮޓޯއިން ފެނެއެވެ. އާންމު ގޮތެއްގައި ރިޔާ ދޯނި ފަހަރުގެ ރިޔާ އޮޅައި، ފަލި ބޭނުން ކުރާނީ ވައި ހިނދުމުން ދޯނި ބޭނުންވާ މަންޒިލަށް ގެންދިޔުމަށް މަސައްކަތް ކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!