އެމްޑީޕީއަށް ދެން އިދިކޮޅުގައި އޮންނަންވެސް ފުރުޞަތު ނުދޭނެ ކަމަށާއި، ދެން ވެރިކަން ކުރާނީ ޕީޕީއެމް ކަމަށާއި، އިދިކޮޅުގައި އޮންނާނީ ޕީއެންސީ ކަމަށް ޕީޕީއެމްގެ ޓިކެޓްގައި އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ. ދިއްދޫ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓު ޢަބުދުﷲ ރަޝީދު ބުނެފިއެވެ.
ދިއްދޫގައި ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ''މީ މަގޭ ރާއްޖެ'' ޖަލްސާގައި ވާހަކަ ދައްކަމުން އޭނާ ބުނީ ކެމްޕެއިން ކުރާނީ ވެސް އަމިއްލަ ޚަރަދުގައި ކަމަށާއި، ޕާޓީއިން ލޯ ލާރިއެއް ވެސް ބޭނުން ނޫން ކަމަށެވެ. އަދި ތަބާވަނީ ދިވެހި ދިދައަށް ކަމަށް ބުނަމުން އޭނާ ބުނީ ''ކައުންސިލް އިންތިޚާބުގައި ދިއްދޫގެ ގޮނޑިތައް ކިހިލީގައި ޖަހައިގެން ޕީޕީއެމަށް ހޯދާނެ'' ކަމަށެވެ.
''ދެން އެމްޑީޕީއަކަށް އިދިކޮޅަކުވެސް ނޯވެވޭނެ، އިދިކޮޅުގައި އޮންނާނީ ޕީއެންސީ، ވެރިކަމުގައި އޮންނާނީ ޕީޕީއެމް، މިއީ ހަޤީޤަތް މިތިބީ ދިވެހި ދަރީން، މިއީ ބޮޑުތިލަދުންމައްޗަށް އުފަން ދަރީން، އަޅުގަނޑުމެން ކޮރަޕްޝަނެއް ބޭނުމެއް ނޫން''
ޢަބުދުﷲ ރަޝީދު ބުންޏެވެ.
ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބުދުއްލަޠީފް މުޙައްމަދަށް އިޝަރާތްކޮށް އޭނާ ބުނީ ކުރިންވެސް އެމްޑީޕީމީހުން ގާތަށް ނުދިޔުމަށް ލަތީފް އަރިހު އެދުނު ކަމަށެވެ. އަދި ގޮސްފިނަމަ އެމްޑީޕީ މީހުން ''ލަތީބޭގެ ކަރުދޮށުގައި ވަޅި ދަމާލާނޭ''ކަމަށް ބުނެދީފައި ވާނެކަމަށެވެ. އޭނާ ބުނީ ލަތީފް މިހާރު ހުންނެވީ ރަނގަޅަށް އަސުރުމަލުގެ ކުލާގައި ޖެހިފައި ކަމަށާއި، ދެން އިތުރަށް ލަތީފް ވަޑައިގަންނަވާނެ ތަނެއް ނޯންނާނެ ކަމަށެވެ.
''ދެން ދަންޏާ ލަތީބޭ ދާން ޖެހޭނީ ކަށްވަޅަށް، އެމްޑީޕީއަކަށް ލަތީބެ ނުދާނެ''
ޢަބުދުﷲ ރަޝީދު ބުންޏެވެ.
ޢަބުދުﷲ ރަޝީދު ދެއްކި ވާހަކާގައި ވަނީ ވަރަށް ބޮޑަށް މަޖިލިސް ރައީސް، އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށާއި، މި ސަރުކާރަށް ފާޑު ކިޔާފައެވެ. އަދި އޭނާ ސިފަކުރިގޮތުގައި އެމްޑީޕީއަކީ ''ފެތިފައި އޮތް އޮޑި'' އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!