ށ. ފުނަދޫ ކައުންސިލުން، ''ފުނަފެހި'' ޕްރޮގްރާމްގެ ނަމުގައި ފުނަދޫ ފެހި ކުރުމަށް ޚާއްޞަ ހަރަކާތެއް ފަށައިފިއެވެ.

އެރަށުގައި ތިމާވެށީގެ ދާއިރާއިން ޚާއްޞަކޮށް މަސައްކަތް ކުރަމުން އަންނަ ޔުނައިޓެޑް ނިއު ޖެނެރޭޝަން އެޑަލްޓްސް (އުންގާ) ޖަމިއްޔާއާއި ގުޅިގެން އެރަށުގައިވަނީ 300 ރުއް އިންދާފައެވެ.

Ad
rt

ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު ''ތިލަދުން''އަށް ވިދާޅުވީ، ފުނަދޫ ފެހި ކުރުމަށް ފެށި ހަރަކާތަކީ ސިލްސިލާކޮށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށެވެ.

''އިއްޔެ ކައުންސިލްގެ ބަޖެޓް މި ފާސްވީ، މިއަދު އަހަރުގެ ފުރަތަމަ ޕްރޮގާރަމަކަށް މި ފެށީ މިރަށް ފެހި ކުރުމުގެ މަސައްކަތް، މިއަދު ވާނީ މިރަށުގެ ސިނާއީ ސަރަޙައްދަށް ދާން އޮންނަ މަގުތަކުގެ ދެ ފަރާތުގައި 300 ރުއް އިންދާފައި، ސީދަލަށް ވިހި ފޫޓު ދުރުމިނުގައި މި ރުއްތައް އިންދީ''

އަޙްމަދު އިބްރާޙީމްފުޅު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ސިލްސިލާގެ ދަށުން އަހަރަކު ތިން ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި، ކުރިއަށް ހުރި ހަރަކާތްތަކުގައި ގަސް އިންދާނެ ކަމަށެވެ.

ފޮޓޯ: ފުނަދޫ ކައުންސިލް

އޭނާ ވަނީ މި ހަރަކާތަށް އެރަށުގެ އުންގާ ޖަމިއްޔާ ދެއްވި އެއްބާރުލުން ފާހަގަކުރަށްވައި، އެ ޖަމިއްޔާގެ ހިންގާ ކޮމެޓީއަށާއި މެންބަރުންނަށް ޝުކުރު އަދާކުރަށްވާފައެވެ.

''އަޅުގަނޑުމެން މިހަރަކާތް ކުރިއަށް ގެންދިޔުމުގައި އުންގާ ޖަމިއްޔާ ޚިޔާރުކުރީ އެ ޖަމިއްޔާއަކީ މިރަށުގައި ތިމާވެށީގެ ރޮނގުން މަސައްކަތްކުރާ ވަރަށް ހަރަކާތްތެރި، ތިމާވެއްޓަށް އިސްކަންދޭ ޖަމިއްޔާއަކަށް ވާތީ އެ ޖަމިއްޔާއަށް ފުރުޞަތު ދިނުމުގެ ގޮތުން، އެ ޖަމިއްޔާއިން ދަނީ މިރަށުގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން، މި ފުރުޞަތުގައި އެ ޖަމިއްޔާގެ މެންބަރުނަށާއި، ހިންގާ ކޮމެޓީއަށް ޝުކުރު ދަންނަވަން''

އަޙްމަދު އިބްރާޙީމްފުޅު ވިދާޅުވިއެވެ.

''ފުނަފެހި'' ހަރަކާތުގައި ބައިވެރިވެ، އެހީތެރިކަން ދެމުންދާ އުންގާ ޖަމިއްޔާގެ ރައީސް މުޙައްމަދު ޔަމީން ''ތިލަދުން''އަށް ބުނީ، ތިމާވެށީގެ ހިމާޔަތުގައި ކުރެވޭ މަސައްކަތްތަކުގައި އުފަލާއިއެކު އެ ޖަމިއްޔާއިން ބައިވެރިވެ އެއްބާރުލުން ދޭނެ ކަމަށެވެ. މިގޮތުން މިއަދު އެރަށު ކައުންސިލުން ފެށި ފުނަދޫ ފެހިކުރުމުގެ ހަރަކާތުގައި އެ ޖަމިއްޔާއިން ބައިވެރިވީ ކައުންސިލްގެ އެދުމުގެ މަތީން ކަމަށް އޭނާ ބުންޏެވެ. އަދި އެ ޖަމިއްޔާއިން ފަށާފައިވާ ''ދަ ގްރީން ޕްރޮޖެކްޓް'' ވެސް ކުރިއަށް ދާނެ ކަމަށް އޭނާ އިތުރަށް ބުންޏެވެ.

އުންގާ ޖަމިއްޔާއިން ފަށާފައިވާ ''ދަ ގްރީން ޕްރޮޖެކްޓް'' އަކީ މި ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު، ފުނަދޫގައި އާލާކުރަން ޖެހިފައިވާ ގަސްގަހާ ގެއްސާއި، މަދުވަމުންދާ ގަސްގަހާގެހީގެ ބާވަތްތައް އާލާކުރުމުގެ މަޤްޞަދުގައި އެ ޖަމިއްޔާއިން ފެށި ހަރަކާތެކެވެ.